ads
ނޮޅިވަރަންފަރު
ނޮޅިވަރަންފަރު 5 ކަނބަލުންގެ "ގޭދޮށު މަސް ފެކުޓަރީ" - އެންމެންނަށް ނަމޫނާއެއް
ދޯނިން މަސް ގަނެގެން ގެނެސް، ގޭގެ ހަތަރު ފާރުން އެތެރެކޮށްލުމާއެކު 5 މީހުންގެ ތެރެއިން 3 މީހުން، މަސް ވަޅިތަކާ، މަސް ކެނޑުމަށް ބޭނުންކުރާ ފިލާގަނޑާ އެހެނިހެން އާލާތްތައް ނަގައި، މަސް ކަނޑަން އިށީނދެއެވެ. ކައްކާ ލޯގަނޑާ، އުނދުނަށްލާނެ ދަރާ "އަތުލަފިކޮށް"، އުނދުން ރޯކޮށް، މަސް ކެއްކުމަށް ތައްޔާރުވުމަށް ދެން ތިބި 2 މީހުން އަވަސްވެ ގަނެއެވެ. ލޯގަނޑަކަށް ވާވަރަށް މަސް ކެނޑޭ ހިސާބުން، މަސްތައް ދޮވެ ސާފުކޮށް ލޯގަނޑަށް އަޅަންފަށައެވެ. ލޯގަނޑަކުން ލޯގަނޑަކުން ބަރާކޮށް މަސް ކެއްކުން އިސާހިތަކު ފެށިގެންދެއެވެ.

މިއީ ހދ. ނޮޅިވަރަންފަރު ނަޝީދާ އަޙްމަދު، އަފީފާ އަޙްމަދު، ސަންފާ މުޙައްމަދު، މަރްޔަމް މުޙައްމަދު އަދި ފާޠިމަތު އިބްރާހީމް، މި 5 ކަނބަލުންގެ "ގޭދޮށު މަސް ފެކުޓަރީ" ގެ މަސައްކަތް ކުރެވެމުން އަންނަ ގޮތެވެ. މިޓީމަކީ، ޒަމާނުއްސުރެއް ދިވެހިންގެ ތެރޭގައި ކުރަމުން އައި މި މަސައްކަތް ދަމަހައްޓާ ހިތްވަރުގަދަ ޓީމެކެވެ. އެއް އާއިލާއަކަށް ނިސްބަތްވާ މިޓީމުގެ މިމަސައްކަތުގެ ހުރިހާކަމެއް ކުރަނީވެސް ހަމަ މި 5 ފަރާތުންނެވެ.

"އެންމެ ފުރަތަމަ މިމަސައްކަތްފެށީ ވިޔަފާރި އުސޫލަކުންނެއް ނޫން. ރަށު ކެފޭއަކުން އެދުނީ މަސް ކައްކައިދޭން. ދެން ރިހާކުރުވެސް ލިބޭނެތީ އާއެކު ފެށީ. ދެން ދުވަސް ކޮޅަކުން ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި މިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ." ނަޝީދާ އާއި ޓީމުގެ އެހެން ފަރާތްތައް މިމަސައްކަތުގެ ތެރެޔަށް ވަދެވިގެން ދިޔަގޮތް ނަޝީދާ ކިޔައިދިނެވެ.

ގޭގައި ކާލާނެ ރިހާކުރު ކޮޅެއް ލިބޭނެތީއާއެކީ ފެށި މިމަސައްކަތް، އާމްދަނީ ހޯދުމުގެ މަސައްކަތެއްގެ ގޮތުގައި ބަދަލުކުރަން ވިސްނީ އަވަށްޓެރިންގެ ފަރާތުން ލިބެންފެށި ތަރުހީބުންނެވެ. ނަޝީދާގެ ޓީމުން ކައްކާ މަހުން ތައްޔާރު ކުރާ ރިހާކުރު، އެހެން ގޭގޭ ރިހާކުރަށްވުރެ އަވަށްޓެރިންނަށް ކަމުދިޔައެވެ. އަދި މިމަސައްކަތް މިގޮތުގައި ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑަށް ހިތްވަރު ދިނެވެ. އެއާއެކީ، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މިމަސައްކަތް ކުރުމަށް ނޮޅިވަރަންފަރުގެ ހީވާގި މި 5 ކަނބަލުންގެ ޓީމުން ނިންމިއެވެ.

your imageނޮޅިވަރަންފަރު "ގޭދޮށު މަސްފެކުޓަރީ" ޓީމް - ފޮޓޯ: މާހައުލު

މަސް ކެއްކުމަކީ ތަފާތު ގިނަ މަސައްކަތްތަކެއް އޭގައި އެކުލެވޭ ބުރަބޮޑު މަސައްކަތެކެވެ. ދަރު ހޯދުން، މަސް ކެނޑުން، މަސް ކެއްކުން، މަސްކައްކާ ދުމަށީގައި އެ ޖެހުން، ރިހާކުރު އޮލަކުރުން އަދިވެސް ބައިވަރު ކަންކަން އޭގައި ހިމެނެއެވެ. އެއްވާނެއްގައި އެކުގައި މަސައްކަތް ކުރާނެ ބަޔަކު ލިބިގެން ނޫނީ މިފަދަ ބުރަ މަސައްކަތެއް ކުރުމަކީ ދަތިކަމެކެވެ. އުނދަގޫ ކަމެކެވެ.

ނޮޅިވަރަންފަރަށް ނިސްބަތްވާ ހީވާގި މި 5 ކަނބަލުންގެ ޓީމުގެ ދިރުމަކީ އެ އެންމެންގެ މެދުގައި އޮތް އެކުވެރިކަމެވެ. ބަދަހި ގުޅުމެވެ. އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫޙާއި ޝައުގުވެރިކަމެވެ. ކޮންމެ ކަމެއްގައިވެސް އެންމެންގެ ބައިވެރިވުން ފުރިހަމައަށް އޮވެއެވެ.

"އަޅުގަނޑުމެން އެންމެން އުޅެނީ ރަށުގެ އެކި ހިސާބުގައި. މަސައްކަތަށް އެންމެން އެއްވާނީ. އެކަކު ލަސްވިޔަސް، މަޑެއް ނުކުރާނެ. ދެންތިބި މީހުންވެގެން މަސައްކަތް ފަށާނެ. އޭނާ އައިސް ދެންހުރި ހިސާބަކުން ފަށައިގަންނާނެ." ހީވާގި ނޮޅިވަރަންފަރު ކަނބަލުންގެ ޓީމުން މިނޫހަށް ދިން އިންޓަރވިއުގައި ކިޔައިދިނެވެ.

މަސައްކަތުގައި އުޅޭ ވަގުތުގައި ކުރަންޖެހޭ އަމިއްލަ ކަންކަމެއްވެސް ދުލެއް ނުދެއެވެ. ދަރިން ސްކޫލަށް ގެންދިއުމާ، ބަލައިދިޔުމާ، ގޭގައި ކެއްކުމާ ކާން ހެދުން ފަދަ ކަންކަންވެސް ބަރާބަރަށް އަދާކުރެއެވެ. ސްކޫލަށް ކުދިން ގެންދިޔުމަށް އާއިލާގެ އެހެނިހެން މެންބަރުންގެ އެހީތެރިކަން ލިބެއެވެ. މީހަކު ނުވެގެންދާ ފަހަރު 5 މީހުންގެ ތެރެއިން އެކަކު އެކަމަށް ހުސްކުރަނީއެވެ. އޭނާ އަންނާނީ އެހެން އެންމެންގެ ކުދިންތައްވެސް ސްކޫލުން ގެއަށް ގެނެސްފައެވެ.

މިޓީމުގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އެމީހުންގެ ކަސްޓަމަރުން ކުރާ އިތުބާރެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، ދެދުވަސް ތިންދުވަސް ވަންދެން ކައްކާ ރިހާކުރު ނުވިކި ބަހައްޓަން ނުޖެހުމެވެ. ގަޑުބަޑު ނުކުރާނެކަމާއި، ސާފުތާހިރުވާނެކަން އެމީހުންނަށް ޔަގީނެވެ. ހަމައެއާއެކު ރިހާކުރުގެ މީރުކަމަކީވެސް ކަސްޓަމަރުން އެންމެ ގަޔާވާ އެއްކަމެވެ. މިހުރިހާ ކަމަކާއެކު، ނަޝީދާގެ ޓީމުން ކައްކާ ރިހާކުރު ރަށުން ބޭރަށް ވިއްކަންވެސް ނުޖެހި ރަށު ތެރެއިން ރިހާކުރު ފުޅިތައް ގަނެ ހުސްކޮށްލައެވެ. އަދި ކުރިޔަށް އޯޑަރުދޭ ފަރާތްތައްވެސް އާދެއެވެ.

your imageނޮޅިވަރަންފަރު "ގޭދޮށު މަސްފެކުޓަރީ" ޓީމް - ފޮޓޯ: މާހައުލު

މަސް ކައްކާ ދުވަސް ކޮޅެއްގައި އާމްދަނީގެ ގޮތުގައި ލިބޭ ފައިދާ ވަރަށް ރަނގަޅު ކަމުގައި އެފަރާތްތައް ފާހަގަކުރިއެވެ. ކޮންމެ މީހަކަށްވެސް ހިތްހަމަޖެހޭ ވަރުގެ ފައިދާއެއް ލިބެއެވެ. އުފުލާ ބުރަޔަށްވުރެ ލިބޭ ބަދަލު ބޮޑެވެ. މަސް ކެއްކުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު 7 އަހަރުވެފައިވާއިރު މިކަނބަލުންނަށް ލިބޭ އެހެން ހިތްހަމަ ޖެހުމެއްވެސް ވެއެވެ. ރަށަށް އެކި ކަންކަމުގައި އަންނަ ފަރާތްތަކުން، އެމީހުން މަސައްކަތް ކުރާތަން ބަލައި، ރިހާކުރާ އެއްޗެހި ކަމުގޮސް، އެ ގަނެގެން ގެންދާކަމެވެ. އަދި ވަރަށް ގިނަ ފަރާތްތަކުން އެމީހުންގެ މަސައްކަތްތައް ބަލައި ޑޮކިއުމެންޓްރީ ފަދަ އެއްޗެހިވެސް ހަދަމުން އަންނަކަމީވެސް އެމީހުންނަށް ލިބޭ ބޮޑު ހިތްވަރެކެވެ. ރާއްޖެއިން ބޭރުގައި، ރާއްޖޭގައި ޒަމާނުއްސުރެ ކުރެވޭ މަސައްކަތްތައް ދައްކުވައިދިނުމަށް ވެސް މިޓީމުގެ މަސައްކަތް އިންޓަރވިއުކޮށް ވީޑިޔޯ ނަގާފައިވާކަން އުފަލާއެކު ފާހަގަކުރިއެވެ.

your imageނޮޅިވަރަންފަރު "ގޭދޮށު މަސްފެކުޓަރީ" ޓީމް - ފޮޓޯ: މާހައުލު

ކޮންމެ މަސައްކަތަކީވެސް ހިތްވަރާއެކު ކޮށްފިއްޔާ ކުރެވޭނެ ކަމެކެވެ. އެކުވެރި ކަމާއެކު އުޅެފިއްޔާ ކާމިޔާބުވާނެ ކަމެކެވެ. އެއީ ކިތަންމެ ބުރަ އުނދަގޫ މަސައްކަތެއް ވިޔަސް އެވެ. ބޭނުންވަނީ ކެރުމާއެކު ކުރިމަތިލުމުގެ ހިތްވަރެވެ. ހދ.ނޮޅިވަރަންފަރުގެ 5 ކަނބަލުންގެ، މި މަސައްކަތަކީ މުޅި ރާއްޖެއަށް ދައްކުވައިދޭ ރީތި ނަމޫނާ މިސާލެކެވެ.

ސީއެންއެމް އިން ނަޝީދާ އާއި ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާ ސާބަސް ކިޔަމެވެ. އަދި މިމަސައްކަތުގައި އިތުރު ކާމިޔާބަށް އެދެމެވެ.

93%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
އެންމެ ފަސް
ސީއެންއެމް ޕޯލް