ads
އަދްނާން
23 އަހަރަށް ފަހު ޖަލުން މިނިވަންވެއްޖެ، އެހެން ނަަމަވެސް އަދިވެސް ގޭ ބަންދަށް
ލޯބިވެރިޔާ މަރާލި ކަމަށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި މީހަކު ޖަލުން މިނިވަން ކޮށްފި އެވެ.

އުމުރުން 41 އަހަރުގެ އަދްނާން ސަޔެދް ޖަލުން މިނިވަން ކުރުމަށް އެމެރިކާގެ ކޯޓުން ހުކުމް ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ޖަލަށް ލުމަށް 1999 ވަނަ އަހަރު އެމެރިކާގެ ކޯޓަކުން ހުކުމް ކުރީ، އޭނާ ގެ ލޯބިވެރިޔާ ކިޑްނެޕްކޮށް، މަރާލި ކަން ސާބިތުވާކަމަށް ނިންމަ އެވެ. 

އެހެން ނަމަވެސް އޭރުވެސް އަދްނާން ވަނީ އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާ އާއި ދެކޮޅަށް ކޯޓުން ހުކުމް ކުރީ، އޭނާ އަކީ މުސްލިމަކަށް ވުމުން ކަމަށް އޭރު އޭނާ ވަނީ ބުނެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެކި ގޮތް ގޮތަށް އޭނާގެ މައުސޫމްކަން ސާބިތު ކޮށްދިނުމަށް މަސައްކަތް ކޮށްފަ އެވެ. 

އެގޮތުން އެންމެ ފަހުން 2019 ވަނަ އަހަރު އޭނާ ވަނީ އަލުން މި މައްސަލަ ބަލައި ދިނުމަށް އެދި ކޯޓުގައި އެދިފަ އެވެ. އަދި އަދްނާންގެ ވާހަކަ އާއްމުންތެރޭ މަޝްހޫރުވެ އޭނާގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއްވެސް ވަނީ ހަދާފަ އެވެ. އަދްނާން 2019 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާ އަށް ހުކުމް ކުރީ އޭނާ އަކީ މުސްލިމަކަށް ވުމުން ކަމަށާއި، އޭރު އިންސާފުވެރިކޮށް މައްސަލަ ބެލިނަމަ އޭނާގެ މައުސޫމްކަން އެނގޭނެ ކަމަށެވެ. އަދި އޭނާ އަކީ މީހުން މަރާ މީހެއް ނޫން ކަމަށާއި، އިސްލާމުންނަކީ މީހުން މެރުމާއި ދެކޮޅު ބައެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 

އަދްނާން ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވާ ބާލްޓިމޯ ކޯޓުގެ ގާޒީ އިއްޔެ ހުކުމް ކުރަމުން ވިދާޅުވީ، އަދްނާންގެ މައްޗަށް މައްސަލަ ސާބިތު ކުރުމަށް އޭރު ހުށަހެޅި ހެކިތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަން ރަނގަޅަށް ބެލުމަށް ޕްރޮސެކިއުޓަރުންގެ މައްޗަށް ވަނީ އަމުރު ކޮށްފަ އެވެ. އަދި އަދްނާން ޖަލުން ދޫކޮށްލަން ހުކުމް ކުރީ، އޭނާ އަށް އިންސާފުވެރި ޝަރީއަތެއް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށާއި، މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރަން ހުކުމް ކުރާ ކަމަށެވެ. 

އަދްނާންގެ ފަރާތުން ހުށަހެޅި މައްސަލަ އާއި ގުޅިގެން މީގެ ކުރިން ކޯޓުގައި ވާހަކަ ދައްކަމުން ޕޮރެސެކިއުޓަރުން ވަނީ، މި މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް ޝައްކު ކުރެވޭ ކަމަށް ބުނެފަ އެވެ. އެހެން ކަމުން އަލުން މި މައްސަލަ ބަލާ އިންސާފު ހޯދާނެ ކަމަށް ވަނީ ބުނެފަ އެވެ. 

އަދްނާން އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ. އޭގެ ފަހުން އޭނާ އާއި އޭނާގެ އާއިލާ އަންނަނީ އެކި ގޮތް ގޮތުން އޭނާގެ މައުސޫމްކަން ސާބިތު ކޮށްދިނުމަށް ގިނަ މަސައްކަތަކެއް ކުރަމުންނެވެ. 

78%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް