ads
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން-- ފޮޓޯ: ވަން އޮންލައިން/ އައުޒަމް
ދިވެހި ބަސް އުވިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް: މިނިސްޓަރު ޔުމްނާ
ގިނަ ކުޑަކުދިންނާއި ޒުވާނުން މިހާރު ވިސްނައި، ވާހަކަދައްކާ ހަދަނީ އިނގިރޭސި ބަހުން ކަމަށާއި، މިއީ ދިވެހި ބަސް އުވިގެން ހިނގައި ދާނެ ކަމުގެ ނިޝާނެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އެކަމަނާ ވިދާޅުވީ އިނގިރޭސި ބަހުން ވިސްނައި، ވާހަކަ ދައްކާ ހެދުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. 

އެއީ ބަހެއް އުވިގެން ދާނެ މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށާއި، ދިވެހި ބަސް ރައްކާތެރި ކުރެވޭނީ ބަހާ މެދު ދެކޭ ގޮތް ބަދަލުކޮށްގެން ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

"މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދެއްވައިގެން. އެކަމަށް ޓަކައި ގޭތެރެއިން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިގެން. ޅަފަތުގެ ތަޢުލީމުގައި ދިވެހިބަސް އުނގަންނައި ދެއްވުގެ ދައުރުތައް ފުޅާކުރައްވައިގެން. މުޖުތަމަޢުގައި ބަހަށް ޚާއްސަ މަގާމު ކަށަވަރުކޮށްދީގެން،" ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށާއި، ބަހުރުވަތަކަކީ އެ އަތޮޅެއް ނުވަތަ ރަށެއްގެ ސަގާފަތާއި، ދިރިއުޅުން ދައްކުވައިދޭ މާނަވީ ތަރިކައެއް ކަމަށެވެ. 

"މި ބަހުރުވަތައް ދިރުވަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މިކަންކަމުގައި ދޭދޭ ފަރުދުންނާއި، ވަކިވަކި އާއިލާތަކާއި، ބަހަވީ މުޖުތައުގެ ލޭފަ ހަންހާރަވެތި އެހީތެރިކަން މިއަދު ވަނީ ނުހަނު ބޮޑަށް ބޭނުންވެފައި. މި އެހީތެރިކަން އެންމެ ފުރިހަމަ މާނައިގައި ދިވެހިބަހަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.އެކަމަށް އެދި ނުހަނު އިޚުލާސްތެރިކަމާއެކު އިލްތިމާސްކުރަން،" ހެރިޓޭޖް މިނިސްޓަރު ވިދާޅުވި އެވެ. 

މާދަމާ ފާހަގަކުރާ 20 ވަނަ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިއާރަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" މިއެވެ. 

މިނިސްޓަރު ޔުމްނާ ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ދިވެހި ދަރިންގެ ސިކުނޑިތައް ބައްޓަން ކުރުމުގައި މާދަރީ މަސް އަދާ ކުރާ ދައުރަށް ސަމާލުކަން ދިނުން ކަމަށެވެ.

"ބަހަކީ ހަމައެކަނި އަޅުގަނޑުމެންގެ ޝުޢޫރުތަކާއި އިޙްސާސްތައް ހާމަ ކުރާ އެއްޗެއް ނޫން. ބަހަކީ އަޅުގަނޑުމެންގެ ހަނދާންތަކާ އަޅުގަނޑުމެންގެ މާޒީއާއި ގުޅުވައިދޭ ވެސް އެއްޗެއް. އެއީ އަމިއްލަ ވަންތަކަން ދައްކައިދޭ ވެސް އެއްޗެއް،" ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރުގެ ހިތާބުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7000 ބަހުގެ ތެރެއިން ދެބައި ކުޅަ އެއްބައި ނެތި ދިޔުމުގެ ބިރު އޮތް ކަމެވެ. 

އެގޮތުން ކުޑަކުދިންގެ ސިކުނޑިތަކަށް ބަހެއް ރަނގަޅު ގޮތުގައި ވާސިލްކޮށް ނުދެވިއްޖެ ނަމަ އެ ބަހެއް ނެތިގެން ދާނެ ކަމަށް ބަހުގެ އިލްމުވެރިން ވިދާޅުވާކަމަށާއި، އެއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް