ads
ނާއިބު ރައީސް
ތަރައްގީގެ ކަންކަމުގައި ސައުދީ އަކީ ނަމޫނާއެއް: ނާއިބު ރައީސް
ތަރައްގީގެ ކަންކަން ހާސިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސައުދީ އަރަބިއްޔާއަކީ ނަމޫނާ ގައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 92 ވަނަ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނު އެކުލަވާލެއްވި "ވިޝަން 2030" މަގުޗާޓަށް ތައުރީފުކުރައްވައި މިއީ ދުރުވިސްނޭ ގާބިލު ލީޑަރެއްގެ ވިސްނުންފުޅާއި އަދި މަސައްކަތްތެރި ހީވާގި ރައްޔިތުންގެ މަސައްކަތާއެކު އެ ގައުމަށް ހާސިލުކުރެވޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި "ވިޝަން 2030" އިއުލާނުކުރުމަށްފަހު ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި، އެ ގައުމުގެ ރައްޔިތުންނަށް އުފާވެރި މުސްތަގްބަލެއް ހޯދައިދިނުމަށާއި އަދި ގައުމުގެ އިގްތިސާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް އެޤައުމުން ހާސިލުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެގައުމުގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި ދެ ގައުމުގެ މި ގުޅުން ބިނާވެފައި ވަނީ، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި، ދެމުންގެންދާ އެއްބާރުލުމާ އަދި ދެ ގައުމުން ހިއްސާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

އެގޮތުން މުސްލިމު ދެ ގައުމެއްގެ ހައިސިއްޔަތުން، ސައުދީ އަރަބިއްޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ސަގާފަތާއި، އަދި ތާރީހީ ގޮތުން ވަރަށްބޮޑަށް ގުޅިލާމެހިފައިވާ ދެ ގައުމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުން އެމަނިފާނަށް އަދާކުރެއްވި މެހުމާންދާރީއާ އަދި ބެހެއްޓެވި ގާތްކަމާއި އަދި ދިވެހި ހައްޖާޖީންނަށް ދިން އަހައްމިއްޔަތުކަމަކީ ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް