ލާމަރުކަޒު ކުރާކަށް ނޭނގުނު
ކްލަބްތަކާއި، އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ސައްހަ ނުކޮށް، ދެމެހެއްޓެނިވިގޮތަކަށް ލާމަރުކަޒުކުރެވޭނެ ކަމަކަށް ނުފެނެ އެވެ. އަދި، ލާމަރުކަޒު ކުރަން ނުދަންނަކަންވެސް މިހާރު އެނގިއްޖެއެވެ. ޒޯންތައް ބޮޑުކޮށް، ޒޯނެއްގައި ހައެއްކަ އަތޮޅަށްވުރެ ގިނަ އަތޮޅު ހިމެނިއިރު އެއަތޮޅުތަކުގެ ބައިވެރިވުމެއް ނެތެވެ. ލާމަރުކަޒު ކުރުމުގެ މަފްހޫމަކީ ގާތުން ކަންކަން ހިންގުމެވެ. އެއީ އެ ޒޯނެއްގެ މުބާރާތް އެ ޒޯނަކުން ހިންގުމެވެ. އެހެން ނަމަވެސް، މުބާރާތް ހިންގަނީ، މާލޭގައި އޮންނަ ކުޑަކޮމިޓީއަކުން ނެވެ.
ބިޔަ ބޮޑު ޒޯނެއްގެތެރޭ، ފެރީންގޮސް ކުޅެލާފައި އަނބުރާ ރަށަށް އާދެވޭވަރެއް ނުވެ އެވެ. މިސާލަކަށް، ތ.އަތޮޅު އޮންނަނީ ލ އަތޮޅާއި، ހުވަދުއަތޮޅާއި، ފުވައްމުލަކާއި، އަދި ސ. އަތޮޅު، އައްޑޫ ސިޓީއާއި އެކު އެއްޒޯން ގޮތުގައެވެ.
މިހާލަތުގައި އޮވެ، ވިޔަފާރި އުސޫލް ތައާރަފްކުރުމުން ވާގޮތްވެސް ފެނެ އެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ހޯދައި، ކުންފުނީގެ ނަމުން މުބާރާތަށް ނަންދީ، އިސްތިހާރު ކުރުމެވެ.
މިސާލަކަށް، ހދ. އިން ރ.އަތޮޅާ ހަމައަށް އޮންނަ އުތުރު ޒޯންގެ މުބާރާތުގެ ސްޕޮންސަރަކީ އެމްޓީޓީސީ ކަމުގައި ނޫސްތަކުގައި ރިޕޯޓްކުރެ އެވެ. އެމްޓީސީސީއަށް ލިބިފައިވާ ހައްގުތަކެއް ނޭންގެއެވެ. އެފްއޭއެމް އަށް ލިބޭ އެއްޗެއް، ޓީމްތަކަށް ލިބޭ ލުޔެއް އަގުކުރެވި ލިޔުމަކުން ފެންނާކަށް ނެތެވެ. މިއީ ވިޔަފާރި އުސޫލުން ކުޅިވަރު ސްޕޮންސަކުރުމެއް ނޫނެވެ. މިއީ ބޮޑު ވައްކަމެއް ފަދަ އޮޅުވާލުމެކެވެ.
ލާމަރުކަޒުކުރަންޖެހޭނީ ހިންގާ ގަވާއިދާއި އެއްގޮތަށް
މިހާރު އޮތް ހިންގާ ގަވާއިދުން، އަތޮޅުތައް ވަނީ ނުވަ ޒޯނަށް ބަހާލާފަ އެވެ. މިއީ 1986 ވަނަ އަހަރު ރާއްޖެތެރޭގެ ފުޓުބޯޅަ މުބާރާތް ބާއްވަން އެއިރުގެ އޮލިމްޕިކް ކޮމިޓީ ޗެއަމަން މުހަންމަދު ޒާހިރު ނަސީރު ހުށަހެޅުއްވި ދުރުވިސްނުމެކެވެ.
ލާމަރުކަޒުކުރުމުގެ ފިކުރު، އޭގެ ހަގީގީ ގޮތުގައި، ހިފެހެއްޓިފައި އޮތް ދުވަސްވަރެއްގައި، މިއީ މަރުހަބާ ކިޔަންޖެހޭ ކަމެކެވެ. މިކަމަކީ، މިހާރު ގާނޫނު އަސާސީ ގައި ސަރީހަ އިބާރާތުން ބަޔާން ކޮށްފައިވާ ވެސް ކަމެކެވެ. ވީމާ، މިއީ އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ތިބެވޭނެ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް، އެފްއޭއެމް ގެ ވެރިން މިކަމެއް ނުދެނަހުރި އެވެ. ވަޒީރު ހުންނެވީ އަދި މާއެހެން ހިސާބެއްގަ އެވެ. ވަޒީރުވެސް ހުންނެވީ، އެފްއޭއެމް އާއި އެކު، ޗާޓުން ބޭރުގައި، ވާނުވާ ނޭނގޭ ހިސާބުގައި ކަން މިހާރު ޔަގީން ކުރެވިއްޖެ އެވެ.
2018 ގައި ފެށުނު އާ ދައުރާއިއެކު، އެފްއޭއެމް ވެސް ލާމަރުކަޒުކުރުމުގެ ވާހަކައިގެތެރެއަށް ވަންނަން މަޖުބޫރު ވިކަހަލަ އެވެ. ވީމާ ހިންގާ ކޮމިޓީގެ ބޭފުޅުން ލާމަރުކަޒުކުރުމުގެ ސިޔާސަތާއި ދޭތެރޭ ފުންކޮށް ވިސްނެވުމަށްފަހު ނިންމެވީ ލާމަރުކަޒު އުސޫލުން ގައުމީ ލީގެއް ގާއިމްކުރުމަށެވެ. އަދި މިކަން ކުރާނެ އެންމެ މޮޅު ގޮތް ހޯދުމަށް ގާބިލު "ކޮންސަލްޓަންޓެއް" ވެސް ހޯދި އެވެ. އޭނާއަށް ބޮޑު މުސާރަ ވެސް ދެއްވި އެވެ. ކޮންސަލްޓަންޓު ނިންމެވީ ތިން ޒޯނަށް ރާއްޖެ ކުޑަކޮށްލާށެވެ. މިނިންމުން ނިންމެވީ، އެސޯސިއޭޝަންގެ ހިންގާ ގަވާއިދުން ނުވަ ޒޯން ލާޒިމްކޮށްފައި އޮތް ނަމަވެސް ވަރިހަމަ ކޮށްފަ އެވެ.
ކޮންސަލްޓަންޓް ނިންމެވީ ހިންގާކޮމިޓީއަށް ރަނގަޅު ގޮތަށް
ތިން ޒޯނަށް ރާއްޖެ ކުޑަކޮށްލުމަކީ ހިންގާކޮމިޓީން ބޭނުންވިގޮތެވެ. އެފްއޭއެމް ގެ ހިންގާ ކޮމިޓީއަކީ މާލޭގެ އަށް ކްލަބް، ކޮންމެ ކްލަބެއް 2 ވޯޓު ހިފައިގެން ތިއްބަވާ ދާއިމީ މެޖޯރިޓީއެކެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ، އ.ދ. ގެ ސެކިޔުރިޓީ ކައުންސިލް ފަދަ ޖަމާއަތެކެވެ. ސުވާލަކީ، މާލޭގެ އެއްވަނަ ޑިވިޒަންގެ، އަށް ކްލަބް، މިފަދަ ބާރުގަދަ ޖަމާއަތަކަށް ވެވުނީ ކޮން ހަމައަކުންތޯ އެވެ؟
މާލޭގެ އެއްވަނަ ޑިވިޒަންގެ އަށް ކްލަބަށް ހިންގާ ކޮމިޓީގެ ދާއިމީ މެޖޯރިޓީއެއް ލިބުނީ އެފްއޭއެމްގެ، މުސްކުޅި އިލެކްޓޯރަލް ކޮލެޖް ފަރުމާކޮށްފައިވާ ގޮތުން ނެވެ. ހިންގާ ގަވާއިދާއި ހިލާފަށް، ނުވަ ޒޯން، ތިން ޒޯނަށް މަދުކުރުމަކީ ހިންގާކޮމިޓީގެ މަސްލަހަތު އޮތްކަމެއްކަމުގައި އެވެރިން ދެކެ އެވެ. ހިންގާ ކޮމިޓީގެ "ދާއިމީ" މެމްބަރުން ދެކެނީ، ހިންގާކޮމިޓީގެ ވިޕްލައިން އޮތް އެއްވަނަ ޑިވިޒަންގެ ހުރިހާ ކްލަބެއް އޮޓަމެޓިކުން ގައުމީ ލީގަށް ކޮލިފައިވާންޖެހޭނެ ކަމަށެވެ. އެއިރުން ޓީމަކަށް ލިބޭ ތިން މިލިއަން ރުފިޔާއަށް ބަލައި، މާލޭގެ އަށް ކްލަބަށް 24 މިލިއަން ރުފިޔާ ލިބޭނެތީ އެވެ. ތިން ޒޯނަށް ކުޑަކުރުމުން ޒޯން ކްލަބްތަކަށް ދޫކޮށްލަން ޖެހޭނީ އެންމެ ނުވަ މިލިއަން ރުފިޔާ އެވެ. މިއީ، ”ނޭފަތު ކުރިއަށްވުރެން ދުރަށް“ ނުވިސްނުނީމާ ވާނެގޮތެވެ. އެހެންބަޔަކަށް ގެއްލުމެއް ދީގެން، ތިމާމެނަށް މޮޅު އޮންނާނެކަމުގެ ނާތަހުޒީބު ވިސްނުމަކީ، މިއަދު ބާތިލު ވިސްނުމެކެވެ. މިއަދު ބޭނުންވަނީ، ތިމާގެ ނޭފަތު ކުރިއަށްވުރެ ދުރަށް، އާދެ، ދިވެހިރާއްޖޭގެ އަސްދަޑިން ބޭރަށް ވިސްނުން ގެންދާށެވެ. އެހެން ގައުމުތަކުގެ ތަޖުރިބާއިން އިބުރަތް ހާސިލުކޮށް، މިފަދަ ކަންކަން ކުރުމުން ލިބޭ ގެއްލުން ދެނެގަންނާށެވެ.
މިފަދަ ހަނި ވިސްނުމަކީ، އޭގެ ސަބަބުން ފިތުނަ އުފެދޭނެ ކަންކަމެވެ. ހިންގާ ކޮމިޓީގެ މެމްބަރުން ދެކެވަޑައިގަންނަވަނީ، 20 އަތޮޅުގައި މާލެ ސަރަހައްދަށްވުރެ ގިނަ ޒުވާނުން ދިރިއުޅުނު ނަމަވެސް، އަތޮޅުތަކަށް ފުރުސަތު ހަނިކޮށް، މާލޭގެ ގަދަ އަށް ޓީމަށް ކޭކުގެ ބޮޑުފަޅި ލިބެންވާނެ ކަމަށެވެ. ގާނޫނާއި ހިލާފަށް، ގަދަބާރުން ކޭކުގެ ބޮޑު ފަޅި ކާލުމުގެ ވިސްނުމުގަ އެވެެ! މިމަގަށް ވިސްނައި، ޒޯންތައް ތިން ޓީމަށް މަދު ކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދީ އެވެ. މިކަމަށް ބޮޑު މުސާރައެއްވެސް ދިނެ އެވެ.
ތިން ޓީމަށް މަދުކޮށްލިއިރު، އެ ތިން ޓީމަށް، އަދި އިތުރު ދުއްތުރާލެއްވެސް ޖެއްސިއެވެ. އެއީ ލިބޭނެކަމަށް ބުނާ ތިން މިލިއަން ރުފިޔާ އިން އަތޮޅު ޓީމަކަށް ގިނަ ދަތުރުކުރަން ޖެއްސުމެވެ. ޒޯން ޓީމަކަށް، ދަތުރު ފަތުރަށް ދެގުނަ ބޮޑު ހަރަދު ކުރަން ޖެހެ އެވެ. ޒޯން ޗެމްޕިޔަނެއް، ލީގް ބުރެއްގައި އަށް ދަތުރު މާލެ އަންނަށް ޖެހޭއިރު، މާލޭގެ ޓީމަކަށް އެއިން ރަށަކަށް ދަތުރު ކުރަން ޖެހެނީ އެންމެ ތިން މެޗަށެވެ.
ވީމާ، ހޯމް އެންޑް އަވޭ އުސޫލަކީވެސް ކޮންސަލްޓަންޓާއި ހިންގާ ކޮމިޓީ ދަންނަ ކަމެއް ނޫނެވެ. އެބޭފުޅުންގެތެރޭ، ރެފްރީން ފަހާ ދުވުން ފިޔަވާ ދަންނަ، އިތުރު ކަމެއް އަދި ފާހަގައެއް ނުކުރެވެއެވެ! ގައުމީ ލީގު ކޮލިފައިންގެވެސް ނުނިމި އުޅެނިކޮށް، ކޮންސަލްޓަންޓް ފިއްލަވައިފި ކަމަށް ހަބަރު ލިބެއެވެ!
އެފްއޭއެމް ގާނޫނުގެ ތެރެއަށް ވައްދަން ޖެހޭ
ދެފުއްފެންނަ އިންތިހާބެއް ނުބޭއްވުނެވެ. ގާނޫނާއި އެއްގޮތަށް މުބާރާތެއް ނުބޭއްވުނެވެ. ގާތުން ހިންގަން، ލާމަރުކަޒެއް ނުކުރެވުނެވެ. ސްޕޮންސަރުންނަކީ އަހަރު ދެކޮޅު ބަލަލުކުރާ ބައެކެވެ. ރެފްރީން ފަހާ ކުޅުންތެރިން ދުވަނީ އެވެ. މެޗްގެ ނަތީޖާ ދަނޑު ބޭރުން ބަދަލުކުރެވެ އެވެ. ރެފްރީން ތިބީ ބިރުން ނެވެ. ރެފްރީން ގެންނަންޖެހެނީ ބޭރުން ނެވެ. މިދިޔަ ހަފްތާގައި ކުޑަކުދިންގެ ގައުމީ ޓީމެއް ސައޫދީ އެރޭބިއާގައި ތާށިވެ ރާއްޖެ ނާދެވިފައި އޮތެވެ. އެފްއޭއެމް އޮތީ އޭޑީކޭ ހޮސްޕިޓަލަށް ދަރައި، ކޯޓުން ހުކުމްކޮށްފަ އެވެ.
އެފްއޭއެމް އަކީ ކްލަބްތަކާއި، ކުޅުންތެރިން ބަލައިގަންނަ ޖަމާއަތެއް ނޫނެވެ. ޒޯންކޮލިފިކޭޝަނުން ކްލަބްތައް ވަކިވާ ހަބަރުވެސް އިވެން ފަށައިފި އެވެ. ފީފާއިން ދޭ ދޮޅުމިލިއަން ޑޮލަރުގެ ތެރެއިން ބައިމިލިއަން ޑޮލަރު ވަނީ ގައުމީ ކޯޗުންނާއި، ބޭރު ކުޅުންތެރިންނަށް ބަހާލާފަ އެވެ. މިކަމާ ގުޅިގެން، ފީފާ އިން އެފްއޭއެމް އަށް އިންޒާރު ދީ، ޑިވެލޮޕްމަންޓް ގްރާންޓުން އެފައިސާ ވަނީ އުނިކޮށްފަ އެވެ. ސަރުކާރާއި، މަޖިލިސް އޮތީ ފީފާ ދެކެ ބިރުން، ރަޖާލައިގެނެވެ. އެންމެ ފަހުން، އެފްއޭއެމް މިއޮތީ ފީފާގެ ދަށުވެފަ އެވެ. އަދިވެސް ގާނޫނެއް ނުހިނގަ އެވެ.
ހިންގާ ކޮމިޓީއަށް މިގޮތް ކަމުދިޔަ އެވެ. ކޮންސަލްޓަންޓް، ވެސް، އަދި އެސޯސިއޭޝަނުންވެސް، ހިންގާ ގަވާއިދު ބައްލަވައި ނުލައްވާކަން މިހާރު ޔަގީން ވެއްޖެ އެވެ. ގާނޫނުން ބާރުދޭ ގަވާއިދުތަކާއި ހިލާފަށް ކަންކަން ކުރުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ގާނޫނާއި، ގަވާއިދަކީ އޮންނަ އެއްޗެއްކަން ނުދަންނަ ވެރިން އަދިވެސް މަދެއް ނޫނެވެ.
ގާނޫނާއި ހިލާފުވުމުން ފިޔަވަޅެއް އަޅާނެ ފަރާތެއްވެސް ނޯންނާނެކަމަށް ގަބޫލު ކުރެވޭތީވެ، އެބޭފުޅުންނަށް އިތުރު ހިތްވަރުވެސް ލިބެ އެވެ. ދުނިޔޭގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ބިރަށް ސަރުކާރުން އެއްކަމެއްވެސް ނުކުރެވޭނެކަމަށް ބުނެ އެވެ. ކަން ވީ ވެސް މިހެން ނެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.