ads
އިމިގްރޭޝަންގެ މުވައްޒަފެއް ޕާސްޕޯޓެއް ބަލަނީ
ހަށިވިއްކާ މީހުން ރާއްޖެއަށް އެތެރެވުމުގައި އިމިގްރޭޝަންގެ އެހީތެރިކަން!
ހަށިވިއްކާ މީހުން ރާއްޖެއަށް އެތެރެވުމުގައި އިމިގްރޭޝަންގެ މުވައްޒަފުންގެ އެހީތެރިކަން އޮންނަކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ، ހަށިވިއްކާ މީހަކު ރާއްޖެއަށް އެތެރެވި މައްސަލައާ ގުޅިގެން އިމިގްރޭޝަން އޮފިސަރަކު ވަޒީފާއިން ވަކިކުރުމުން، އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުންނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން، މިދިޔަ ހަފްތާގައި ނިންމާފައިވާ އިމިގްރޭޝަން އޮފިސަރެއް ވަޒީފާއިން ވަކިކުރި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި، ހަށިވިއްކާ މީހުން ރާއްޖެއަށް އެތެރެވުމުގައި އިމިގްރޭޝަން އޮފިސަރުންގެ އެހީތެރިކަން އޮންނަކަމުގެ އިންޓެލިޖެންސް މައުލޫމާތު އެ އިދާރާއަށް ލިބިފައިވެއެވެ.

ޓުއަރިސްޓް ވިސާގައި ތައިލެންޑް މީހަކު، ހަށިވިއްކަން ރާއްޖެއަށް އެތެރެވާން އެހީވި އިމިގްރޭޝަން އޮފިސަރު މަގާމުން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ. އެއީ އިމިގްރޭޝަންގެ ފިރިހެން މުވައްޒަފެކެވެ. އަދި އެކަން އިމިގްރޭޝަނުން ތަހުގީގުކޮށްފައިވާކަންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުން އެނގެއެވެ. ހަށިވިއްކާ ތައިލެންޑް މީހަކު ރާއްޖެއަށް އެތެރެވުމުގައި އެހީތެރިވެގެން، އިމިގްރޭޝަންގެ މުވައްޒަފަކު މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވެސްވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ ކޮން މައްސަލައެއް؟ 

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިމިގްރޭޝަން އޮފިސަރަކު ވަޒީފާއިން ވަކިކުރި މައްސަލައެވެ. އެއީ 2013 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަންގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހު، ޓުއަރިސްޓް ވިސާގައި ތައިލެންޑް މީހަކު، ހަށިވިއްކަން ރާއްޖެއަށް އެތެރެވުމުގައި އެހީތެރިވެ ދިންކަމުގެ މައްސަލައިގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އިމިގްރޭޝަން އޮފިސަރުވަނީ ތައިލެންޑް މީހާ ރާއްޖެއަށް އެތެރެވުމުގައި އެހީތެރިވެދީފައެވެ. އެކަން އިމިގްރޭޝަންގެ ތަހުގީގަށް ސާބިތުވެއެވެ.

13 މެއި 2021 ގައި ސިންގަޕޯ އެއަލައިނުން ތައިލެންޑްގެ ހަށިވިއްކާ އެ މީހާ އައުމުން، "އޭނާ އެހުރީ" ކަމަށް ވަޒީފާއިން ވަކިކުރި އިމިގްރޭޝަން އޮފިސަރު ބުނެފައިވެއެވެ. އޭގެ ކުރިން އިމިގްރޭޝަން އޮފިސަރުވަނީ ތައިލެންޑް މީހާގެ ފޮޓޯ އެހެން މުވައްޒަފުންނަށް ދައްކާ، އެއީ އޭނާގެ މީހެއް ކަމަށާއި އެއްވެސް މީހަކު އޭނާ ހިފަހައްޓައިގެން ނުވާނެ ކަމަށް ޑިއުޓީގައި ތިބި އެހެން މުވައްޒަފުންނަށް އަންގާފައެވެ. އަދި ކޮންމެ މީހަކުވެސް ބޭނުންނަމަ "ފައިސާ ދީފައި ދާންވީ" ކަމަށް ބުނެފައިވެއެވެ. ތައިލެންޑް މީހާ ފަހުންވަނީ ތަހުގީގައި އޭނާއަކީ ހަށިވިއްކައިގެން އާމްދަނީ ހޯދާ މީހެއްކަމަށް އިއުތިރާފުވެފައެވެ. އަދި އެކަން ކުރަނީ ގެސްޓް ހައުސްގައި ކަމަށްވެސް ތަހުގީގުގައި ބުނެފައިވެއެވެ.

ވަޒީފާއިން ވަކިކުރި މުވައްޒަފު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި އޭނާގެ ވަޒީފާ އަލުން ރުޖޫއަކޮށް އޭނާއަށް މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި އިމިގްރޭޝަނުން ދިން ޖަވާބުގެ އަލީގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަމާއި މައުލޫއީ އަދުލުވެރިކަންވެސް ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ހަށި ވިއްކާ މީހާ ރާއްޖެއަށް އެތެރެވުމުގައި އެހީތެރިވެދިން އިމިގްރޭޝަން އޮފިސަރު މަގާމުން ވަކިކުރުމުގައި ގޯހެއް ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވަނީ ކަނޑައަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް