ads
މިނިސްޓަރު މަހްލޫފް
ަރިސޯޓުތަކުގައި ރާ ހަރާމުނުވެ، ކެސިނޯ ހަރާމުވާތީ މިނިސްޓަރު މަހްލޫފް ފާޑުވިދާޅުވެއްޖެ
ރިސޯޓުތަކުގައި ރާ ހަރާމުނުވެ، ކެސިނޯ ގާއިމުކުރުން ހަރާމުވާތީ، މިނިސްޓަރު މަހްލޫފް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ސުވާލުކުރުމުގެ ސެޝަންގައި ކެސިނޯގެ ވާހަކަ ނެންގެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. 

ކެސިނޯ ލައިސެންސް ދިނުމާއިމެދު ގެންގުޅުވާ ވިސްނުމަކީ އަދި އެކަން މަނާކުރަނީ ކޮން ބައެއްތޯ ސުވާލުކުރުމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މެމްބަރު ޖާބިރު ކެސިނޯއާއި ގުޅޭގޮތުން މަޖިލީހުގައި ދައްކަވާ ވާހަކަތައްް ވަރަށް ގާތުން އަޑުއަހާ ކަމަށާއި ނަމަވެސް، ރާއްޖޭގައި ކަސިނޯ އޭ ބުންޏަސް ”ގޯސްވާ“ ކަމަށެވެ. 

”ހަމަ ހަގީގަތަށް މި ދެންނެވީ އެ ނަން ކިޔަސްވެސް ގޯސްވާ ހިސާބުގައި، މިއުޅެންޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގައި. މިކަންކަމާއި ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް އޮންނަ ކަމަކަށް ނުވޭ، “ މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ބަރާބަރަށް ރާ ބޮއި އެހެން ހުރިހާ ސަކަރާތެއްވެސް ޖަހާއިރު، ކެސިނޯގެ ނަންގަންނަ އިރަށް ގޯސްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެކަމުގައި ލައިސެންސް ދިނުމާއިމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަމުގައި ވެސް ހުއްދަ ދިނުން އޮންނަނީ އެބޭފުޅާގެ އަތުގައި ނޫން ކަމަށާއި، އެކަންކަމާއިމެދު މަޝްވަރާ ކުރުމުގެ އުސޫލު ގެންގުޅެންޖެހޭ ކަމަށެވެ. 

”އިއްޒަތްތެރި މެމްބަރުގެ ވާހަކައިގައި ފާހަގަކުރިގޮތަށް ބަރާބަރަށް ރާ ވިއްކައި، އެހެން ހުރިހާ ސަކަރާތްތަކެއް ވެސް އެތަންތާ ޖަހައި، ކެސިނޯގެ ވާހަކަ ފަށާފައި ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ ވިއްކާއިރު ހަރާމެއް ނޫނޭ، ކެސިނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް ބުނޭ ހަރާމޭ ނުކުރެވޭނޭ، “ މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހިޔާލުތަފާތުވުންތައް އޮތް މިންވަރުން ދަރިން އެސުވާލުކުރުމުން ދޭނެ ޖަވާބެއްވެސް ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށާއި، ރަނގަޅާއި ނުބައިވެސް ބުނެދޭން ދަތިވާ ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދީނީ ގޮތުން ހިލާފު އުފެދިފައިވާ ކަންކަމުގައި ވާހަކަދައްކައިގެން ގޮތްތަކެއް ހޯދަން ރާއްޖޭގައި ދަސްކުރަން ޖެހޭ ކަމަށާއި، އެއްކޮށް ގުޅިގެން އުޅެވޭނެ ގޮތަކަށާއި،  އެހެން ގައުމުތަކުގައި އުޅޭހެން އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް