މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ބަނދަރުގެ މަޝްރޫއު ކުރިޔަށްދާއިރު ގެންނަން ބޭނުންވާ ބަދަލުތަކާއި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރަން ބޭނުންވާކަމަށާއި ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް ހިދުމަތްދޭ ގަޑި އިތުރުކުރަން ބޭނުންވާކަމާއި އަދި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހިމެނެއެވެ.
މީގެ އިތުރުން ރަށުގައި ފުލުހުންގެ ހިދުމަތް އަވަހަށް ގާއިމުކުރަން ބޭނުންވާކަމާއި އަދި ރަށުގެ އިޖުތިމާއީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ އިތުރު ކަންކަން މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މާކުރަތު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ބަޖެޓުގެ ދަތިކކަން ފާހަގަކުރައްވާފައެވެ.
މާކުރަތުގެ މުއައްސަސާތަކުން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި މިހާރުވެސް ސްކޫލުގައި ތަރައްގީ ކުރަމުންދާ ކްލާސްރޫމުތައް ހިމެނޭ އިމާރާތުގެ އިތުރުން މަލްޓިޕަޕަސް ހޯލެއްގެ މުހިންމުކަން ފާހަގަކުރިއެވެ. މީގެ އިތުރުން ޓީޗަރުން ލިބުމުގައި ކުރިމަތިވާ ދަތިތަކާއި ހާއްސަކޮށް ސެންޓީޗަރުން ހޯދުމަށް ކުރިމަތިވާ ދަތިތައް މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާކުރަތުގެ ތަރައްގީއަށް ކުރިއަށްދާ މުހިންމު ބައެއް މަޝްރޫތައް ފާހަގަކުރައްވައި އެ މަޝްރޫތަކާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރަށށަށް ފައިދާހުރި ކަންކަމުގައި ހުރިހާ ފަރާތްތައް ގުޅިގެން އެކުވެރިކަމާއެކު ކުރިޔަށް ދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާކުރަތު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވައި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައއްލަވާލައްވައި ސިއްހީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.