
މިނިސްޓަރު މިގޮތަށް ވިދާޅުވީ، ސަރުކާރު ހިންގާ ހޮސްޕިޓަލުތަކުން ހާޖީންނަށް ކޮވިޑް ޓެސްޓު ހެދޭނެގޮތް ހަމަޖެހިފައިވަނިކޮށް އަމިއްލަ ކުންފުންޏަކަށް ފައިސާ ދައްކައިގެން އެކަން ކޮށްފައިވާނެތޯ ސާފުކުރުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިނިސްޓަރާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
ލިއުމުން ޖަވާބު ހޯދުމަށް ކުރެއްވި އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ޓެސްޓު ހައްދަން ހަވާލުކުރީ ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަންއިން ކުރި އިއުލާންނަށް އެންމެ ކުޑައަގެއް ހުށަހެޅި މެޑިފްލެކްސް ލެބޯޓަރީ އަށް ކަމަށެވެ.
އަދި ސަރުކާރުގެ އެ ހިދުމަތްފޯރުކޮށްދޭ އައިޖީއެމްއެޗް އިން ހައްޖު ކޯޕަރޭޝަނަށް އެ ޓެސްޓު ހައްދައިދެމުންދަނީ ބޮލަކަށް 700 ކަމަށާއި، ނަމަވެސް މެޑިފްލެކްސް އިން އެކަން ކޮށްދިނީ ބޮލަކަށް 200 އިގެ މަގުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެ ހިދުމަތް ފޯރުކޮށްދޭތޯ އޭގެކުރިން ފުލުހުންގެ ހިދުމަތުގައި އެދުމުން އެކަމަށް ބޭނުންވާ ކެމިކަލް ނެތްކަމަށް އެ އިދާރާއިން ބުނެފައިވާ ކަމަށާއި، ކެމިކަލް ދިނުމަށް ހެލްތު މިނިސްޓްރީ އާއިއެކު ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.