ރާއްޖެއާ ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން ރައީސް ފުރަތަމަ ފަހަރަށް މި ވާހަކަ ދެއްކެވީ މިރޭ އޮތް ޖަލްސާއެއްގައެވެ. މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަހައްދުގެ މައްސަލަ އަކީ ހައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފައެވެ.
އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ގައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވަމުން، މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަގްވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައިވެސް އަދި ހާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން، ގާނޫނުއަސާސީގައި ސާފުކޮށް އޮންނަކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ނަމަ އަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.