
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން، މި މަރާ ގުޅޭ ގޮތުން މިހެން ބުނީ މިރޭ ނެރުނު ބަޔާނެއްގައެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދޭން އޭނާގެ އާއިލާއިން މިއަދު އެދިފައި ވަނިކޮށް އެންއައިސީން މިރޭ ބުނީ އެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އަމިއްލައަށް އިސްނަގައިގެން ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދާނެ ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75-1 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް ލިބިގެންވާ އިހުތިޔާރެކެވެ.
ރަޝީދުގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހަދާނެ ކަމަށް އެންއައިސީން ބުނި އިރު އޭނާގެ އާއިލާއިން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން ކުއްލިއަކަށް މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްމޯޓަމް ހައްދަން ބޭނުންނުވާ ކަމަށާއި، އެކަން ކޮށްފިނަމަ ހަށިގަނޑާއި ހަވާލުނުވާނެ ކަމަށް އާއިލާއިންވަނީ ބުނެފައެވެ.
އާއިލާއިން ތުހުމަތުކުރަނީ އޭނާއަކީ”ފުލުހުން މަރާލި މީހެއް“ ކަމަަށެވެ.