ޗާގޯސް މައްސަލަ ހޫނު ވެގެން ދިޔައިރު ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ ތިބުމަށް ފަހު މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެމްއާރުއެމުންވަނީ އެ ޕާޓީގެ ކަންބޮޑުވުންތައް ހާމަކޮށްފައެވެ.
އެމްއާރު އެމްގެ ނޫސް ބަޔާނުގައި ބުނެފައިވަނީ 2019 ވަނަ އަހަރު އދ. ގައި ފޯޅަވައްސަކީ މޮރިޝަސްގެ ސިިޔާދަތީ ބާރު އޮންނަ ތަނެއް ކަމަށް ހުށަހެޅުނު ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދީފައި، މިހާރު އެ ސްޓޭންޑް ބަދަލުވީ ގޮތެއް ކިޔައިދޭން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ސްޓޭންޑް ބަދަލުވިއިރު ކޯލިޝަނާ އެކަމާމެދު މަޝްވަރާ ނުކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޗާގޯސް މައްސަލައިގައި އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން މިދާ ދަނޑިވަޅުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެ މައުލޫގައި އެންމެ ފުރަތަމަވެސް އެއްޗެއް ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސް ވިދާޅުވީ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.
ޗާގޯސް އިނގިރޭސިން އިސްތިއުމާރުކޮށްފައި އޮތުން ނިމުމަކަށް ގެނައުމާ ގުޅޭ ގަރާރަށް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނަސް އިމުގެ މައްސަލާގައި ރާއްޖޭން މޮރިޝަސް އަށް ދޫ ނުދޭނެކަން އެ ގައުމުގެ ސަރުކާރަށް ވާނީ އަންގާފައި ސަރުކާރުންވަނީ ބުނެފައެވެ.
އަނެއްކޮޅުން، ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން ރާއްޖޭން އެ ގައުމާ ބައިވެރިވުމަކީ ރާއްޖޭން ސަރަހައްދެއް ދޫކޮށްލަން އެއްބަސްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އިދިކޮޅު ޕީޕީއެމުންގެ ލީޑަރު ރައީސް ޔާމީން ވިދާޅުވީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމުމާއި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި އޮތް މައްސަލައާ ގުޅޭގޮތުން އެކަނި ބަލާލުމުންވެސް ސަރުކާރުން ރައްޔިތުންނާއި ސިއްރުން ކަންކަން ކުރާ މިންވަރު ހާމަވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ވިއްކާލާފައޭ އޮންނާނީ. އެ ލާރި ނެގި ބަޔަކު ނަގާފައޭ އޮންނާނީ. އެގޮތަށް ގިނަ ބަޔަކު ގަބޫލު ކުރަނީ. އެއީ ހިލޭ ކުރާ ކަހަލަ ކަންކަމެއް ނޫން،"