މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވަނީ، މިއަހަރު ސަރުކާރުން ކުރާންޖެހޭ ހަރަދުތައް 42.8 މިލިއަނަށް އަރާނެކަމަށް ލަފާކޮށް 5.8 ބިލިއަނުގެ ސަޕްލެމެންޓްރީ ބަޖެޓެއް ހުށަހަޅާފައެވެ.
މިއަދު މަޖިލިސް ފައްޓަވަމުން ރިޔާސަތުން ފާހަގަކުރާ ކަމެއްގެ ގޮތުގައި ބަޖެޓު އިތުރުކުރަން އުޅޭއުޅުމާއި މެެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 5.8 ބިލިއަނަކީ މަދު އަދަދެއް ނޫން ކަމަށާއި، އެއީ ސުނާމީގެ ކުރިން މުޅި ދިވެހި ދައުލަތުގެ ބަޖެޓު ކަމަށެވެ.
މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓަށް ބިލިއަނުން އިތުރުކުރަން ހުށަހަޅަންވާނީ ވެސް ވަކި އިޖްރާއަތެއްގެ ދަށުން ކަމާއި، އެ އިޖުރާއަތުގެ ބޭރުން ފިނޭންސުން އަމަލުކުރާތީ ވެސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަޝީދު ވިދާޅުވީ، ސަޕްލެމެންޓްރީ ބަޖެޓެއް ހުށަހަޅަންވާނީ އެ ހަރަދެއް ކުރުމުގެ އެއް މަސް ދުވަސް ކުރިންކަމަށާއި، މުޅި އަހަރުގައި ވެސް ދެން އޮތީ އެންމެ ދެމަސް ކަމަށެވެ. އަދި ދެ މަސްތެރޭ 5.8 ބިލިއަން ހަރަދުވެގެންދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންވެ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ބޭރުން މިހާތަނަށް އިތުރަށް ހަރަދުކޮށްފައިވާ މިންވަރުވެސް ސާފުވާން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެއީ މައްސަލައެއް ކަމާއި މަޖިލީހުގެ މެމްބަރުންނަށް އެކަން ސާފުކޮށްދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ގަވާއިދުން ބޭރުން ހުުށަހެޅުންފަދަ ކަންކަން ކުރައްވަނީ، މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށް ވަޒީރު ބޭފުޅުންނަށް ހީވެގެން ކަމަށާއި، އެކަން އެގޮތަށް ކުރުމަކީ ރައްޔިތުންނާއި، ޑިމޮކްރަސީގެ އިތުުރުން މަޖިލީހަށްވެސް ލިބޭ އުނިކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ.