ރައީސް އަބްދުﷲ ޔާމީން މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި މައްސަލައާއި ގުޅޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ޔާމީންވަނީ ކަނޑު ވިއްކާލައިފިކަމަށްވެސް ވިދާޅުވެފައެވެ.
ކެމްޕެއިން ދަތުރެއްގައި ނ. އަތޮޅުގައި ވާހަކަ ދައްކަވަމުން ޔާމީން ކުރިން ވިދާޅުވީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމުމާއި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި އޮތް މައްސަލައާ ގުޅޭގޮތުން އެކަނި ބަލާލުމުންވެސް ސަރުކާރުން ރައްޔިތުންނާއި ސިއްރުން ކަންކަން ކުރާ މިންވަރު ހާމަވާ ކަމަށެވެ.
އިދިކޮޅުން މި ގޮތަށް ތުހުމަތު ކުރިނަމަވެސް ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައިގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަހައްދުގެ މައްސަލަ އަކީ ހައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފައެވެ. އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.