ޖާބިރު މިހެން ވިދާޅުވީ، އެމްއެންޕީން ރައްޔިތުންގެ މަޖިލީހަށް ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ހުށަހެޅި ގަރާރާ މެދު ބަހުސް ކުރައްވަމުން މިއަދުއެވެ. ޖާބިރު މިއަދު ވިދާޅުވީ ޗާގޯސް ރާއްޖޭގެ ޗާޓުގެ ތެރެއަށް ވަންނަން ބޭނުންކަމަށެވެ.
ޗާގޯސް މައްސަލައިގައި އެމްއެންޕީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ޗާގޯސް މައްސަލާގަ ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގަ ވަށައިގެންވާ ސަބަބުތައް ދެނެގަނެ، އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށް މަޖިލީހުގެ ހާއްސަ ސެލެކްޓް ކޮމިޓީއަކުން މިމައްސަލަ ބެލުމަށެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްއެންޕީގެ ލީޑަރު އަދި މަޖިލީހުގެ ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ. މި ގަރާރަށް ރައްދު ދެއްވައި ޖާބިރުގެ ވާހަކައިގައިވަނީ ޗާގޯސްއަށް ވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސްއާ މެންބަރުންނަށް ދައުވަތު ދެއްވާފައެވެ.
ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައިގައި އެމްއެންޕީން ހުށަހެޅި ގަރާރުގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްވަނީ ވިދާޅުފައެވެ. މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަހައްދުގެ މައްސަލަ އަކީ ހައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފައެވެ.
އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.