އަރަބިއްޔާ ސްކޫލު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވީ، އެ ސްކޫލުގެ މަސައްކަތް ބަޖެޓުގައި އެބަ އޮތް ކަމަށެވެ.
އެއީ މިހާރުވެސް ކުރިއަށްދާ މަޝްރޫއުއެއްކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން 420 ދުވަސްތެރޭ އެމަސައްކަތް ނިންމާގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިހާރު ކުރިއަށްދަނީ އަރަބިއްޔާ އަޅާ ބިމުގައި ހުރި ބާޖަމާލުއްދީން ތަޅާލުމުގެ މަސައްކަތްކަމަށާއި، އެމަސައްކަތް ނޮވެމްބަރު މަހުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއުވާން ވިދާޅުވީ އެމަސައްކަތަކީ 168 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުކޮށްގެން ކުރިއަށްދާ މަސައްކަތެއް ކަމަށާއި، އަރަބިއްޔާ ނިމޭއިރު ކުރީގެ އަރަބިއްޔާއަަށްވުރެ މާ ފުރިހަމަވެފައި ޖާގަވެސް ތަނަވަސްވާނެ ކަމަށެވެ.
މިއުވާން ފާހަގަކުރެއްވި ގޮތުން:
އަލަށް އިމާރާތްކުރާ އަރަބިއްޔާގައި ސްޕޯޓްސް އޭރިއާ އަކާއި، ސްޓާފުންގެ ޕާކިން އޭރިއާއެއްގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް ދެ ކެންޓީންގެ އިތުރުން، ޓާފް ދަނޑެއްވެސް ގާއިމުކުރެވިފައި ހުންނާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
އެހެންކަމުން އަރަބިއްޔާ ސަރުކާރުން ދޫކޮށްނުލައްވާ ކަމަށާއި، އެއީ ދޫކޮށްލައްވާ ވަރަަށްވުރެ އިސްކަންދީގެން ސަރުކާރުން ހިންގަމުން އަންނަ މަސައްކަތެއް ކަމަށް މިއުވާން ވިދާޅުވި އެވެ.
މިހާރުގެ އަރަބިއްޔާގެ ފާރުތަކުގައި ރެދުލާފައި
އަރަބިއްޔާ ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ބާ ޖަމާލުއްދީން ތަޅާލުމަށްފަހު އެތަނުގައި އަޅާ އާ އިމާރާތަށެވެ.
އަރަބިއްޔާގެ އާ އިމާރާތެއްގެ މަސައްކަތް ސަރުކާރުން ފެށީ އެތަނުގައި ދަރިވަރުންނަށް ކިޔަވައިދިނުން ރައްކާތެރި ނޫން މިންވަރަށް ރެދުލައި ސްކޫލު ބާވެފައިވާކަމުގެ ކަންބޮޑުވުން ބެލެނިވެރިން ކުރަން ފެށުމުން ނެވެ.