
ބޮޑުވަޒީރު މަހާތިރު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ހޯމަ ދުވަހުއެވެ.
ބޮޑުވަޒީރު މަހާތިރުގެ އިސްތިއުފާގެ ސިޓީ ރަސްގެފާނަށް އަރުވާފައި މިވަނީ މަހާތިރު ނިސްބަތްވާ ސިޔާސީ ޕާޓީއިން މަހާތިރުގެ ފަހުން ބޮޑުވަޒީރުކަމަށް ހަވާލުވުމަށް އެމަނިކުފާނު ނިންމަވާފައިވާ އަންވަރު އިބްރާހިމް ނުލާ އައު ސަރުކާރެއް ހެދުމުގެ ސިޔާސީ ހިޔާލު ތަފާތުވުންތަކެއް އުޅޭކަމުގެ ރިޕޯޓްތައް ކުރެވިފައި ވަނިކޮށެވެ.
އުމުރުން 94 އަހަރުގެ މަހާތިރު އާއި 72 އަހަރުގެ އަންވަރާއި ދެމެދު ކުރިމަތިވެފައިވާ ހިޔާލު ތަފާތުވުން ތަކަކީ މެލޭޝިއާގެ ސިޔާސީ މަޝްރަހުގައި ފާހަގަ ކޮށްލެވޭ ދެފަރާތުގެ ދެމެދުގައި މިދުވަސް ކޮޅު ކުރިއަށްދާ އެންމެ ބޮޑު ވާހަކައެވެ.
އަންވަރާއި މަހާތިރު ވަނީ 2018 ވަނަ އަހަރު ޔޫއެންއެމްއޯ، ބަރިސަން ނެޝަނަލް ކޯލިޝަންގެ ސަރުކާރުގެ މައްޗަށް ކުރި ހޯދުމަށް ކޯލިޝަނަކަށް ގޮސްފައެވެ. އެހެން ނަމަވެސް މި ދެބޭފުޅުންގެ "އެލަޔަންސް އޮފް ހޯޕް" ގައި ހިޔާލުތަފާތުވުންތައް ވަނީ އިތުރުވާން ފަށާފައެވެ.
މަހާތިރު މަގާމުން އިސްތިއުފާދީ އަންވަރާއި މަގާމު ހަވާލުކުރުން ފަސް ކުރަމުން ދިއުމުން އަންވަރު ވަނީ މިކަމާ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.
އަންވަރަކީ މަހާތިރު 1981 ވަނަ އަހަރު ބޮޑުވަޒީރު ކަމާއި ހަވާލު ވިއިރު އޭނާގެ ނައިބެވެ. 1988 ވަނަ އަހަރު ކުރިމަތިވި ފައިނޭޝަލް ކްރައިސިސް ގައި ދެބޭފުޅުންގެ ދެމެދު ހިޔާލު ތަފާތުވުމުން މަހާތިރު ވަނީ އަންވަރު މަގާމުން ވަކިކޮށްފައެވެ.