މިއީ މިހާރު އުފެދިގެން އުޅޭ މޮރިޝަސް- ރާއްޖެ ކަނޑުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އާއްމުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ބަންޑާރަ ނާއިބާއެކު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ މިރޭ ވާހަކަ ދައްކަވަމުންނެވެ.
މިރޭ ފޮރިން މިނިސްޓަރު ޝާހިދުވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަކުރުން އަކުރަށް ތަފްސީލްކޮށް ކިޔައި ދެއްވާފައެވެ. ޝާހިދު ވިދާޅުވީ އީއީޒެޑް ފުށުއަރާ ކަމަށް އިނގިރޭސީންނާ އެކު ވެސް އަދި މޮރިޝަސްއާ އެކު ވެސް ކުރީގެ ސަރުކާރުތަކުން ވަނީ އެއްބަސްވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނާއި ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދަށް މި ސަރުކާރުން އަބަދުވެސް ވަކާތާކުރަމުން ގެންދާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ ދިމާވެގެން އުޅޭ ކަންތަކުގައި އެއްވެސް އޮޅުމެއް ފޮރުވުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ކަމުގެ ހަގީގަތް އެނގޭ ބަޔަކު އެކަން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.