މި ބިލަކީ، މި އަހަރުގެ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހްތަކަކީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ ލަސްވެގެން އެެއް އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަން ޖެހުމާއި، އެ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަގާމަށް، އަލުން މެމްބަރަކު އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމެވެ.
އެހެން ނަމަވެސް، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަގާމަށް މެންބަރަކު އިންތިހާބު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއްނަމަ، ހުސްވި މަގާމަށް، އަލުން މެންބަރަކު އިންތިހާބު ކުރުން ލާޒިމުނޫންކަމަށް ކަނޑައަޅައި، ބައި-އިލެކްޝަނަކުން އިންތިހާބު ކުރާ މެންބަރުގެ މަގާމުގެ މުއްދަތަކީ، ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތުކަމުގައިވެސް ގާނޫނަށް ގެނައި އިސްލާހުތަކުގައި ބަޔާންކޮށްފައި ވެއެވެ.
ރައީސް، މި ބިލު ތަސްދީގު ކުރެއްވުމުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 10 ވަނަ އިސްލާހް ގެނައުމުގެ ގާނޫނު އިއްޔެ ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ. އެހެންކަމުން މި ގާނޫނަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފައެވެ.
މީގެ ކުރިން ގާނޫނުގައި އޮންނަގޮތުން ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. މިގޮތަށް އޮންނައިރު ޑަބްލިއުޑީސީން އިސްތިއުފާ ދޭ އަދަދު ގިނަކަމުން އަހަރެއްގެ މައްޗަށް ގިނަ ބައި- އިލެކްޝަންތަކެއް ބާއްވަންޖެހެ އެވެ. އަދި އެ އިލެކްޝަންތަކަށް ބޭކާރު ހަރަދުތަކެއް ކުރަންޖެހެއެވެ.