މެނޭޖްމެންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު، މި މަގާމުގެ މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކަށް އޮތީ ހަމަ ގާތްގަނޑަށް ފާއިޒުވެސް ސެކެއްޓްރީ ޖެނެރަލްކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކެވެ. އެއީ އިދާރީ ގޮތުން ސުޕްރީމް ކޯޓުގެ ހިންގުމުގެ މައިގަނޑު މަސައްކަތްތަކެވެ. މެނޭޖްމެންޓް ސްޕެޝަލިސްޓެއް ހޯދުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާންކޮށްފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.
ޑރ. ފާއިޒް އެތައް ދުވަހެއް ވަންދެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މަގާމުން ވަކިކުރީ ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގު ކުރެއްވިއެވެ. އަދި މަގާމުން ވަކިކުރެއްވި ލިޔުމުގައި އެ ފަދަ ތުހުމަތެއްގެ ވާހަކަ ނެތް ކަމަށާއި އެ ފަދަ ކަމަކަށް ތުހުމަތުކޮށް ސުވާލުކޮށްފައިވެސް ނުވާ ކަމަށްވެއެވެ.
ގާނޫނަށް ގެނައި ބަދަލާއި އެކު ކޯޓުތަކުގެ އިދާރީ ހިންގުމުގައި އޮތް ފަނޑިޔާރުންގެ ދައުރު ނިމުނު ހިސާބުން ގިނަ ކޯޓުތަކުގެ އިދާރީ ހިންގުންވަނީ ބޮއްސުންލާފައެވެ. އެންމެ މަތީ ދެ ކޯޓުގެ އިދާރީ ވެރިން މިހާރު ނެތް އިރު ހައިކޯޓާއި އަދި އިތުރު ދިހަވަރަކަށް ކޯޓުގެ އިދާރީ ވެރިން މަގާމުން ވަކިކުރުމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގޯސްތަކެއް ހަދާފައިވާކަން ޝަރުއީ މަރުހަލާއިން ކަނޑައަޅާފައިވާއިރު، ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާ ކޯޓުތަކުގެ އިދާރީ ވެރިންގެ މައްސަލަ އޮތީ ސުޕްރީމް ކޯޓާ ހިސާބުގައެވެ.