
އާންމު ވެފައިވާ ވީޑިއޯއިން ފެންނަނީ އީރާނުގައި ރަހުމުކުޑަކޮށް މަރައިލި އުމުރުން 22 އަހަރުގެ "މާޝާ އަމީނީ" ގެ ފޮޓޯ ޖަހާފަައިވާ ޓީޝާޓެއް ލައިގެން އީރާން އަންހެނަކު ވޯލްޑްކަޕް ބަލަން ވަންނަން އުޅުމުން އޭނާއަށް ގަތަރުގެ އޮފިޝަލު ހުރަސް އަޅާ މަންޒަރެވެ.
ނަމަވެސް އޭނާ ފަހުން ޓީޝާޓު ބަދަލުކޮށް އޭނާ އަތުގައި އޮތް ދިދަ ދިނުމުން އޭނާ ވަނީ މެޗު ބަލަން ވައްދާފައެވެ.
ވޯލްޑްކަޕް ކުރިއަށްދާއިރު އީރާނުގެ ސަޕޯޓަރުން ގެންދަނީ ދަންޑަށް ވަދެ އެމީހުންގެ ގައުމުގައި ކުރިއަށްދާ މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.
އެންމެ ފުރަތަމަ އީރާނު ކުޅުނު މެޗުގައި ވެސް އީރާނު އަންހެނުނަށް މިނިވަންކަން ދިނުމަށް އެމީހުން ގެންދަނީ ގޮވާލަމުންނެވެ. އަދި އެފަދަ ވާހަކަތައް ލިޔެފައިވާ ޕޯސްޓަރުތަކާއި ދިދަތައް ވެސް އެމީހުން ގެންގުޅުނެވެ.
އީރާން ސަޕޯޓަރެއް މާޝާ އަމީނީ ޖަހާފައިވާ ޓީޝާޓެއް ހިފައިގެން
ވޭލްސް އާއި އީރާން ކުޅުނު މެޗަށް މާޝާ އަމީނީގެ ފޮޓޯޖެހި ޓީޝާޓާއި، ތަފާތު ޝުއޫރުތައް ލިޔެފައި ހުރި ދިދަ ވެއްދުން ވަނީ ހުއްޓުވާފައެވެ.
އީރާނު މިހާތަނަށް ދެ މެޗެއް ވަނީ ކުޅެފައެވެ. އިންގްލެންޑާއި އީރާނު ބައްދަލުކުރި މެޗުން އީރާނު ބަލިވެފައިވަނީ 6-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ވޭލްސް އާއި ބައްދަލުކުރި މެޗުން އީރާނު ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ދެން އީރާނު ބައްދަލުކުރަން ޖެހޭނީ އެމެރިކާއާއި މި މަހުގެ 30 ވަނަ ދުވަހުއެވެ.
އީރާނުގައި އަންހެނުނަށް ވަކި މިންގަނޑުތަކަށް ހެދުންއެޅުމާއި، ބުރުގާ އެޅުމަށް މަޖުބޫރު ކުރާތީ އެކަމާއި ދެކޮޅަށް މީގެ ދެ މަސް ދުވަސް ކުރިން ފެށި މުޒާހަރާތަކުގައި 448 މީހުން ވަނީ އީރާނު ސަރުކާރުން މަރާލާފައެވެ. އޭގެ ތެރޭގައި 63 ކުޑަކުދިން ހިމެނެއެވެ.
މިހާތަނަށް އެ މުޒާހަރާތަކުގައި 18170 މީހުން ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި 565 ދަރިވަރުންވެސް ހިމެނެއެވެ. އީރާނުގައި މުޒާހަރާތައް ލީޑު ކުރުމުގައި ޔުނިވާސިޓީތަކުގެ ދަރިވަރުން ގެންދަނީ މުހިންމު ރޯލެއް އަދާކުރަމުންނެވެ.