ރައީސުލްޖުމްހޫރިއްޔާ މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.
"ކިހިނެތް" ކެމްޕެއިން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގައެވެ.
އަދި ނަފްސާނީ ހާލަތެއް މެދުވެރިވާކަމުގެ އަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އަދި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދު އިފްތިތާހް ކުރެވުނު ކެމްޕެއިނަކީވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކެމްޕެއިނުގެ އިތުރުން ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ "ސެންޓަ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ. އަދި ހިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ. މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިންވެސް ކުރެވިދާނެ ބައެއްކަންކަންހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި އިޖްތިމާއީ ބަދަހިކަން މިކަމުގައި އަދާކުރާ މުހިންމު ރޯލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑް އިންޓަރިން މިސްޓަރ ޕައުލޯ ސަސަރާއޯއާއި ވަޒީރުން އަދި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.