ads
ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާކިން ޒޯން އަދި ފައްތިޔާ ފީ ބޮޑުކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައި. ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޕާކިން ޒޯން އަދި ފައްތިޔާ ފީ ބޮޑުކުރަން ކައުންސިލުން ނިންމައިފި
ވިޔަފާރިތަކަށް އެއްގަމު އުޅަނދުތައް ޕާކު ކުރުމަށް ދޫކުރަމުން އަންނަ ޕާކިން ޒޯންތަކުން ނަގާ ފީ އާއި މާލޭގެ ފަޅުގައި އަޅާ އުޅަނދުފަހަރުން ނަގަމުން އަންނަ ފީތައް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 78 ވަނަ ޖަލްސާ ގައި ނިންމާފައިވަނީ ވިޔަފާރިތަކަށް ދޫކޮށްފައިވާ ޒޯންތަކުން ނަގާ ފީ މިހާރު ނަގަމުން އަންނަ ވަރަށް ވުރެ އިތުރު ކުރުމަށެވެ. އާންމު މީހާ ނުވަތަ ވިޔަފާރިއަކުން ސްލޮޓް ނެގި ނަމަވެސް މިހާރު އޮންނަ އުސޫލުން ޕާކިން ފީ ގެ ގޮތުގައި ދައްކަން ޖެހެނީ އެއް އަގެއް ކަމުން އެ ކަމަށް އިޝާރާތް ކޮށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވީ އެ އުސޫލު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"މި ދެ ފީ އެއްހަމައެއްގައި ހުރުމަކީ އެހާ ހަމަޖެހޭ އުސޫލެއް ނޫން. އެހެންވީމާ ވިޔަފާރިވެރިން އަތުން ނަގާ ފީ ކުންފުނީގެ ނަމުގައި ހުރި ތަންތަނުން ނަގާ ފީ 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަޅުގަނޑު ހުށަހަޅަނީ،" އައިފާން ވިދާޅުވި އެވެ.

އައިފާން ގެ އެ ހުށަހެޅުމަށް މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވެސް ތާއީދު ކުރައްވާ ވިދާޅުވީ ޕާކިން ޒޯންތައް ދޫކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ބޭންކުތަކާއި އެކި ކަހަލަ ކުންފުނިތައް ވެސް ހިމެނޭ ކަމަށާއި ޕާކިން ފީ ބޮޑު ކުރުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާކިން ޒޯންތަކުން ނަގާ ފީ 1،500 އިން 3،000 ރުފިޔާ އަށް އިތުރު ކުރުމަށް ޖަލްސާ ގައި ވަނީ ނިންމާފަ އެވެ.

މި ޖަލްސާ ގައި ވަނީ ވިލިމާލެ އަދި މާލޭގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކުގެ ފަޅު ހުއްދަ އަދި ފައްތިޔާ ގެ އުސޫލު ވެސް ފާސްކޮށްފަ އެވެ. އެ އުސޫލުގެ ދަށުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަޅުގައި އަޅާ އުޅަނދުތަކުން ނަގާ އަގުތައް ބޮޑުކުރުމަށާއި އެކި ކަންކަމާ ގުޅިގެން ކުރާ ޖޫރިމަނާތަކުގެ އަގު މިހާރު ހުރި ވަރަށް ވުރެ ބޮޑުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މާލޭގެ ހުޅަނގު ފަރާތު ދާއިމީ ފަޅު ހުއްދައިގެ ގޮތުގައި އުޅަނދުގެ ދިގުމިނަށް ކޮންމެ މީޓަރަކަށް އެއް ރުފިޔާ މިހާރު ނަގަމުން އައި ނަމަވެސް މި ބަދަލާ އެކު އަމިއްލަ އުޅަނދުތަކުން ކޮންމެ މީޓަރަކަށް ނަގާ އަގު ތިން ރުފިޔާ އަށް ބޮޑުވާނެ އެވެ. ކުންފުންޏެއްގެ އުޅަނދެއް ނަމަ އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ނަގާ އަގު ފަސް ރުފިޔާ އަށް ބޮޑުވާނެ އެވެ.

ރަސްމީ ފާލަން ކައިރިން ނުވަތަ ގްރީން ޒޯން ގައި އަޅާ ލަގްޒަރީ އުޅަނދުތަކުން ނަގާ ފީ ތިން ރުފިޔާ އިން 10 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފައި ވާއިރު ކުންފުންޏެއްގެ އުޅަނދެއް ނަމަ 20 ރުފިޔާ ނަގާނެއެވެ.

މާލެ ދެކުނު ފަރާތު އެއްގަމުތޮށި ކައިރިން ފައްތިޔާ ފީ ގެ ގޮތުގައި އުޅަނދުގެ ދިގުމިނަށް ކޮންމެ މީޓަރަކަށް ތިން ރުފިޔާ މިހާރު ނަގަމުން އައި ނަމަވެސް މި ބަދަލާ އެކު އަމިއްލަ އުޅަނދުތަކުން އަށް ރުފިޔާ ފީ ގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. އަދި ކުންފުނިތަކުގެ އުޅަނދުތަކުން 10 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ފަޅު ހުއްދަ އާއި ފައްތިޔާ ފީ އަށް ގެނައި މި ބަދަލުތަކާ އެކު އެކި ބޭނުންތަކަށް ޖެޓީ އަށް ވަންނަ އެއްގަމު އުޅަނދުތަކުން ޖެޓީ އަށް ވަނުމަށް ހުއްދައިގެ ގޮތުގައި ނަގަމުން އަންނަ ފީ ގެ އަގަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ހުއްދައިގެ ގޮތުގައި ނަގަމުން ދާނީ މިހާރު ނަގަމުން އަންނަ 10 ރުފިޔާ ގެ ބަދަލުގައި 20 ރުފިޔާ އެވެ.

ޖޫރިމަނާ ކުރުމުގެ އުސޫލަށް އަމަލުކުރަން ފެށުމުން ފަޅު ހުއްދަ ހަމަވުމަށް ފަހު ކުރެވޭ ޖޫރިމަނާ އަށް ވެސް ބަދަލު އަންނާނެ އެވެ. މިހާރު ޖޫރިމަނާގެ ގޮތުގައި ނަގަނީ 250 ރުފިޔާ ނަމަވެސް މި ބަދަލާ އެކު އުޅަނދުގެ ދިގުމިނަށް ބަލާ ކޮންމެ މީޓަރަކަށް 50 ރުފިޔާ ނަގާނެ އެވެ.

ސްޓިކާ ގެއްލުމުން އަލުން އާކުރުމަށް 10 ރުފިޔާ ނަގަމުން އައި ނަމަވެސް މި ބަދަލާ އެކު އެ އަދަދު 100 ރުފިޔާ އަށް އިތުރުވާނެ އެވެ. ގަވާއިދާ ހިލާފުވެގެން ފުރަތަމަ ފަހަރަށް ޖަހާ ސްޓިކާ އަށް 250 ރުފިޔާ މިހާރު ނަގަމުން އައި ނަމަވެސް މި ބަދަލާ އެކު ގަވާއިދާ ހިލާފުވެގެން ޖަހާ ސްޓިކާ އަށް 750 ރުފިޔާ ނަގާނެ އެވެ.

14%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް