އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް ހުޅުވާލި އެ ފުރުސަތުގައި 489 މައްސަލަ އެއް ހުށަހެޅި ނަމަވެސް އެ އޮފީހުން ބަލަން ނިންމީ، 455 މައްސަލަ އެކެވެ.
އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 111 މައްސަލައެއް ބަލާ ނިމިފައި ވާކަމަށެވެ. އަދި ހުށަހެޅިފައިވާ ހުރިހާ މައްސަލައެއްގެ ތަހުގީގު އަންނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް އަމާޒު ހިފާފައި ވާކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
ކުރިން އޮތް ގޮތުން ނަމަ. އިންތިގާލީ އޮފީހުގެ ދައުރު އަންނަ ޑިސެމްބަރު މަހު 17 ގައި ހަމަވާނެ އެވެ. އެހެން ނަމަވެސް ރައީސް އޮފީހުން މީގެ ކުރިން ބުނީ، އެއޮފީހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތައް މުއްދަތުގެ ތެރޭގައި ތަހުގީގުކޮށް ނުނިމި އެ މައްސަލަތައް ބަލަން އިތުރު ވަގުތު ބޭނުންވާތީ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
އެހެން ކަމުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރު ކޮށްދީފަ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައި ވާފަދައިން 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތް ކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާ އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް އެ އޮފީހަށް ލިބިގެންވެ އެވެ.