ads
އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅޭ ޕެނަލް ޑިސްކަޝަންގެ ތެރެއިން
އިންސާނީ ހައްގުތަކާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާ ގުޅިގެން، 2022 ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކާގުޅޭ މުހިންމު މައްސަލަތަކަށް އަމާޒުކޮށް ސިލްސިލާ ޕެނަލް ޑިސްކަޝަންތަކެއް ބާއްވައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަހަކީ، 1948 ވަނަ އަހަރު، އ.ދ.ގެ ޢާންމު މަޖިލީހުން އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގަރާރު - ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރް.) ފާސްކުރި ދުވަހެވެ.

ޔޫ.ޑީ.އެޗް.އާރު. އެކުލަވާލާފައިވަނީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ ގާނޫނީ، ދީނީ އަދި ސަގާފީގޮތުން ތަފާތު ފަސްމަންޒަރުތަކަށް ނިސްބަތްވާ މަންދޫބުންނެވެ. އެއީ، ނަސްލާއި، ކުލައާއި، ދީނާއި، ޖިންސާއި، ބަހުރުވައާއި، ސިޔާސީ ނުވަތަ އެހެނިހެން ވިސްނުންތަކާއި، ގައުމީ ނުވަތަ އިޖުތިމާއީ އަސްލާއި، މުދާވެރިކަމާއި، އުފަންވުމުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ނިސްބަތްކުރެވޭ ދަރަޖަތަކަށް ބެލުމެއް ނެތި، ކޮންމެ މީހަކަށްވެސް ލިބިގެންވާ ހަމަހަމަ ކަރާމާތާއި ގަދަރު ބަލައިގަންނަ، އާލަމީ ސިފަ ލިބިފައިވާ، ބައިނުކުރެވޭނެ، އަދި މަހުރޫމު ނުކުރެވޭނެ ހައްގުތަކެކެވެ. ދިވެހި ބަސް ހިމެނޭ ގޮތަށް، 500 އަށް ވުރެ ގިނަ ބަހުން ލިބެން ހުރި މި ލިޔުމަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ތަރުޖަމާކޮށްފައިވާ ލިޔުމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ، މަދަނީ، ސިޔާސީ، އިގްތިޞާދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކުގެ އިތުރުން، ވަކިން ހާއްސަގޮތެއްގައި، އަނިޔާވެރި އަމަލުތަކާއި، ނަސްލީ ތަފާތުކުރުމާއި، އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅުމާއި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ދެމެހެއްޓުން ހިމެނޭގޮތަށް އެކުލަވާލާފައިވާ އިންސާނީ ހައްގުތަކާބެހޭ މައިގަނޑު ހަތް މުއާހަދާއެއްގައި ބައިވެރިވެފައިވާ ދައުލަތެކެވެ.

އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އ.ދ. އާއި ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެން މިއަދު ބޭއްވި ހަރަކާތުގެ ބޭނުމަކީ، މިންތިއަށް ނިސްބަތްކޮށް ކުރާ އަނިޔާ ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ 16 ދުވަހުގެ އެކްޓިވިޒަމް ކެމްޕޭން (25 ނޮވެމްބަރުން 10 ޑިސެމްބަރަށް) ނިންމުމާއި، ޔޫ.ޑީ.އެޗް.އާރު.ގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ އެއް އަހަރު ދުވަހުގެ ކެމްޕޭން އިފްތިތާހްކުރުމާއި، އަދި ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ މުހިންމު މައްސަލަތަކުގައި ދިވެހި މުޖުތަމައުގެ އެކި ފަންތީގެ އެކި ފަރާތްތަކުގެ އަޑުތައް ބައިވެރިވުމަށް ފަހިވާފަދަ ފޯރަމެއް ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް