ads
ނޮޅިވަރަމްފަރު ސަހަރާ ކޮންނަނީ——ފޮޓޯ: ސޯޝަލް މީޑިއާ
ސަހަރާ ކޮނުނު މައްސަލަ ކައުންސިލުން ފުލުހަށް ހުށަހަޅައިފި
ރުގިއްޔާ ކުރުމަށްކަމަށް ބުނެ އާންމުންގެ ބަޔަކު ފުލުހުން މެދުވެރިކޮށް ހދ. ނޮޅިވަރަމްފަރުގެ ސަހަރާ ކޮނުނު މައްސަލަ އެ ރަށު ކައުންސިލުން ފުލުހަށް ހުށަހަޅައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނޮޅިވަރަންފަރު ސަހަރާ ކޮންނަ ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. އަދި އެކަން ކޮށްފައިވަނީ ފުލުހުން ތިބިގެން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

މިކަމާއި ގުޅިގެން އެރަށުގެ ކައުސިލްގެ ރައީސް އަބްދުއްﷲ ނައީމް މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަހަރާ ކޮނުނު މައްސަލަ އެ ކައުންސިލުގެ ފަރާތުން މިހާރު ވާނި އެރަށުގެ ޕޮލިސްޓޭޝަނަށް ހުޝަހަޅާފައި ކަމަށެވެ. 

އެހެންނަވެސްް އަދި މިހާތަނަށް ޕޮލިސްޓޭޝަނުގެ ފަރާތުން އެކަމާއި ގުޅޭ ގޮތުން އެއްވެސް ޖަވާބެއް އެކައުސިލަށް ލިބިފައި ނުވާ ކަމަށާއި، ކައުސިލުން ވާނީ އެކަމަށް އަވަސް ޖަވާބެއް ދެއްވުމަށް އެދި އެރަށު ޕޮލިސްޓޭޝަނަށް ލިޔުމެއް ވެސް ފޮނުވާފައި ކަަމަށް ނައީމް ވިދާޅު ވި އެވެ.

"އަޅުގަނޑުމެން އެމައްސަލަ ޕޮލިސްޓޭޝަނަށް ހުށަހަޅައިފިން އިއްޔެ، ނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް އެބޭފުޅުންގެ ފަރާތުން އެއްވެސް ޖަވާބެއް ހިލަމެއްވެސް ލިބިފައެއް ނުވޭ" ނައީމް ވިދާޅު ވިއެވެ.

އޭގެ އިތުރުން ނައީމް ވިދާޅުވީ އެ ކައުންސިލުން އަންނަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާ ހޯމް މިނިސްޓްރީއަށް އެ މައްސަލަ ފޮނުވުމަށް ތައްޔާރު ވަމުން ކަމަށެވެ. އަދި މިއީ، ސީރިއަސް މައްސަލަ އެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން ސުވާލުކުރުމުން މާބޮޑު ތަފްސީލެއް ދިނުމެއްނެތި ފުލުހުން މީގެ ކުރިން ބުނީ، ފުލުހުން އެ ސަހަރާ ބަލާ ފާސްކުރީ ކަމަށެވެ. 

"ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ވަނީ ރަށު ކައުންސިލުގެ އެހީތެރިކަމާއިއެކު ބަލައި ފާސްކޮށްފައި“ ފުލުހުން ބުންޏެވެ.
ނަމަވެސް ފުލުހުންނަށް ހުށަހެޅިފައިވާ އެމައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން އެކަން ކޮށްފައިވަނީ ފަންޑިތަ އާއި ގުޅުންހުރި މައްސަލައެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

މިކަން ކުށްވެރިކޮށް އެރަށު ކައުންސިލުން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެ ބަޔާނުގައި، ބުނެފައިވަނީ 12 ޑިސެންބަރު 2022 ވަނަ ދުވަހުގެ ރޭ 23:30 ހާ އިރު، ނޮޅިވަރަންފަރު ސަހަރާއަށް އާންމުންގެ ބަޔަކު ވަދެ ރުގުޔާ ކުރުމުގެ ނަމުގައި، ސަހަރާ ކޮނުމުގެ މަސައްކަތް ކުރާ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބުމުން، ކައުންސިލްގެ ބޭފުޅުން ސަހަރާއަށް ދިޔައިރު، އެކަން ކުރަމުންދަނީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާއި ޕޮލިސް އިންޗާޖުގެ ހާޒިރުގައިކަން އެނގުނު ކަމަށެވެ. 

ސަހަރާ ކޮނުމުގެ ހުއްދައަށް އެދި އަނގަ ބަހުން އެކައުންސިލަށް އެކި ފަހަރު މަތިން ހުށަހެޅުމުން، އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެ ކައުންސިލުން އެދުމުނު ކަމަށާއި، އެ މިނިސްޓްރީން އަންގާފައިވަނީ ޝަރުއީ ރުގުޔާގައި ސަހަރާ ކޮނުމެއް ނޯންނާނެ ކަމަށާއި އަދި އެކަން ކުރުމަށް ހުއްދަ ނުދިނުމަށެވެ. މިލަފަޔާ އެއްގޮތަށް، އެކަން ކުރުމަށް ހުއްދަ ނުދެވޭނެކަމަށް ކައުންސިލުން ވަނީ، އެކަމަށް އެދުނު ފަރާތަށް އަންގާފައިކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވެ އެވެ.

އެހެން ކަމުން، ކައުންސިލްގެ ހުއްދައެއް ނެތި ސަހަރާ ކޮނުނު މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފުލުހުންގެ މުއައްސަސާއިން މިފަދަ އަމަލުތައް ހިންގުމަށް އެއްބާރުލުން ދޭ ދިނުން ކުށްވެރިކޮށް އަދި މީޑިޔާތަކަށް އެ ކައުންސިލް ބަދުނާމުކޮށް ފުލުހުން ދީފައިވާ މައުލޫމާތު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ކަމަކީ ގާނޫނު ނަންބަރު 7/2010 އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެ ކައުންސިލަށް ލިބިދީފައިވާ ބާރަށް އަރައިގަތުން ކަންވެސް މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވެ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް