ޑާކްރެއިން އެންޓަޓެއިންމެންޓަކީ މިހާރު ރާއްޖޭގެ އެންމެ ކުރީ ސަފުގައި މުނިފޫހިފިލިވުމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.
ނަމަވެސް 2020 ވަނަ އަހަރުގެ ކުރީކޮޅު ދުނިޔެއަށް ކުރިމަތިވެގެން ދިޔަ ކޮވިޑާ އެކު އެ ކުންފުނީގެ މަސައްކަތްތަކަށް ވެސް ލޮޅުން އެރި އެވެ. ނަމަވެސް އޮންލައިން ޕްލއޓްފޯމްތައް ކަމުގައިވާ ބައިސްކޯފް އަދި މީޑިއާ ނެޓް މަލްޓި ސްކްރީނަށް ވަނީ އެ ތަނުން ދެ ޕްރޮޖެކްޓެއް ދޫކޮށްލާފަ އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ ފެބްރުއަރީ ހައެއް ގައި ފީޗާ ފިލްމު "ބީވީމާ" އޮލިމްޕާހުގައި އެޅުވުމަށެވެ. އެންމެ ފަހުން ޑާކްރެއިނުން ފިޗާ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ 2019 އަހަރު އެވެ. އެއީ ދިވެހި ފިލްމް "މާމުއި" އެވެ. އެ ފިލްމަކީ ޑާކްރެއިން ގެ ފަރާތުން ފިލްމީ ދާއިރާ އަށް ތާއަރަފު ވެގެން އައި ދެތަރިން ކަމަށްވާ އާދަމް ރިޒްވީ (ރެކްސް) އަދި އަހްމަދު ޝާކިރު (ޝާއްކޮ) ލީޑް ރޯލުން ފެނިގެންދާ ހެއްވާ މަޖާ ފިލްމެކެވެ.
ފެބްރުއަރީ ހައެއް ގައި އެޅުވުމަށް ތައްޔާރު ވަމުން ދާ ބީވީމާ އަކީ މިހާރު އެންމެ ކުޅަދާނަ އެއް ކެމެރާމަން މުހައްމަދު ވިޝާން (ކަނޑި) ކެމެރާ ކޮށްފައިވާ ފިލްމެކެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ އަދި ސްކްރީން ޕްލޭ ރައިޓަރަކީ ދިވެހި ފިލްމު ލީނާ އަދި ވެބް ސީރީޒް ގިރިޓީ ލޯބީގެ ސްކްރީން ޕްލޭ ރައިޓަރު އަހްމަދު ޒަރީރު (ޒައްރަ) އެވެ.
ޑާކްރެއިންގެ ފިލުމުތަކުގެ ޕޯސްޓަރުތައް އާންމުކޮށްފައިވާއިރު އެ ފިލުމުތަކުގެ ތެރިންގެ އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވަނީ "ބީވީމާ"ގެ ޕޯސްޓަރުތަކަށެވެ. ބީވީމާގެ ޕޯސްޓަރުތައް މަގުބޫލުވެގެންދިޔައީ އެ ފިލުމުގެ ލީޑް ރޯލުން ފެށިގެންދާ ތަރިންގެ ތެރޭގައި ކޮޕީ އިއްސެ އާއި އަސްފާ ހިމެނިގެން ދިއުމުން ކަމަށް ވެ އެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުގެ ވެރިޔާ މުހަންމަދު އަލީ މޮގާ ވިދާޅުވީ ޑާކްރެއިން ގެ މަސައްކަތް ތަކަށް ހުއްޓުމެއް ނައިސް މި ގޮތުގައި ކުރިއަށް ދިއުމުގެ އަސްލަކީ ބެލުންތެރިންގެ ސަޕޯޓް ކަމަށެވެ.
ބީވީމާ ސްކްރީނަށް އަންނަ ހަބަރަކީ ދިވެހި ސިނަމާއިން ފިލްމެއް ބަލާލުމަށް ކެތްމަދުވެފައި ތިއްބެވި ފަރާތްތަކަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. އަދި ވަކީން ހާއްސަކޮށް ޑާކްރެއިންގެ ބީވީމާ ފިލްމުން ފިލްމީ ދާއިރާ އަށް ތާއަރަފު ވެގެންދާ ތަރިންނަށާއި އެ ތަރިންގެ އާއިލާ ތަކަށެވެ.