ads
ރައީސް ސާލިހް
މަނާ ކެމިކަލަށް 1 މިލިއަންގެ ޖޫރިމަނާ ކުރެވޭ ގާނޫނު ތަސްދީގުކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ [ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިން އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަ ޑިސްޓްރަކްޝަން 1993] ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މި ބިލު ގާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މި ގާނޫނު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީގެ ހާއްސަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ތަފްސީލުކޮށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން، މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި ބިލުގައި ބަޔާންކޮށްފައިވާ ގަވާޢިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހަދައި ޝާއިއުކުރަންޖެހެއެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު (ނަންބަރު: 22/2022) ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ގާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް