މި އުއްމަތަށް ﷲ ތައާލާ ފަސް ނަމާދު ފަރުލުކުރެއްވީ، މި އުއްމަތުގެ މާތްނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ މިއުރާޖައް އުފުއްލެވި ރޭގައި ﷲތައާލާ އާއި އެކަލޭގެފާނާއި ދެމެދު އެއްވެސް މެދުވެރި އެއްނެތި ސީދާ ބަސްފުޅު ވަޙީކުރައްވައިގެންނެވެ.
ނަމާދަކީ ﷲ ތައާލާ ވާޖިބުކުރައްވައި ފަރުލު ކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ﷲ ތައާލާގެ އެއްކައުވަންތަކަމަށާއި އެއިލާހުގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ ރިސާލަތަށް އީމާންވެ ހެކިވުމަށްފަހު، ދެން އިސްލާމްދީނުގައި ދެވަނަ ދަރަޖަ ދެވިފައިވާ އަޅުކަމެވެ. ދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ފަރުލުގެ އެންމެ މަތިވެރި ވައްތަރެވެ.
ނަމާދުގެ ވާޖިބުކަމަށް ކީރިތި ގުރުއާނާއި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ދަލީލް ލިބޭ އެތައް އާޔަތްތަކަކާއި ހަދީސްތަކެއް އައިސްފައިވެ އެވެ. އަދި އުއްމަތުގެ އިލްމުވެރިންވަނީ ނަމާދުގެ ވާޖިބުކަމާއިމެދު އިޖްމާއުވެފަ އެވެ. އަދި އެއްވެސް އިލްމުވެރިއެއް ނަމާދަކީ ފަރުލެއްކަމާއިމެދު ހިލާފްވެފައެއް ނުވެ އެވެ.
އެހެން ނަމަވެސް މިއަދު ފެންނަމުން ދަނީ ހިތާމަވެރި މަންޒަރެކެވެ. މި ދިވެހި މުޖްތަމުގައި ނަމާދާއި ދުރުވާ މީހުންގެ އަދަދު އިތުރުވާ މަންޒަރެވެ. ދުނިޔޭގެ އުފަލާއި ޒީނަތް ހޯދުމަށް މިއަދު ނަމާދުގެ މަތިން ހަނދާން ނެތެވެ. މަޖަލާއި އަރާމު ހޯދުމަށް ނަމާދު އަޅާފައި ކުރާ ކަމަކުން ލިބޭނެ އުފަލެއް ނެތެވެ. ދެ ދުނިޔޭގައިވެސް އޭގެ ހިތާމަ އެމީހަކު އުފުލަން ޖެހޭނެ އެވެ. ނަމާދަކީ ކޮންމެ ހާލެއްގައި ވެސް ކުރުމަށް ﷲ އަމުރު ކުރައްވާފައިވާ އަޅުކަމެކެވެ.
މިއަދު ޓުވިޓާ އިން ފެނުނު މަންޒަރެއް ކިޔުން ތެރިންނާއި ހިއްސާ ކޮށްލާނަމަވެ. މިއަދުގެ ހުކުރު ވަގުތަކީ، މާލެ އަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެެކެވެ. މާލޭގެ ގިނަ މިސްކިތްތަކެއް ފުރޭ އެއް ދުވަހަކީ ހުކުރު ދުވަސް ކަމުން ގިނަ ބަޔަކު ނަމާދު ކުރަން މަގުމަތީ ތިބުމަކީ އާއްމު ކަމެކެވެ. އެހެން ނަމަވެސް މިއަދު ފެނުނު މަންޒަރުން ހިތަށް ފިނިކަން ގެނެސް ދީފި އެވެ.
ވެހުނު ވާރޭއަށް ބެލުމެއް ނެތި، ނަމާދުގެ އަޅުކަމުގައި ބައިވެރިވަމުން ދިޔަ މަންޒަރު މީހަކު ޓުވިޓާގައި ހިއްސާ ކުރުމުން އެކަމަށް އެތައް ބައެއްގެ ތައުރީފް ދިޔައީ ލިބެމުންނެވެ. އެހެން ނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، ނަމާދަކީ މީހަކަށް ދެއްކުމަށް ކުރާ ކަމެއް ނޫން ކަމެވެ. ނަމާދަކީ، ﷲ އަށް އިންސާނުން އަދާ ކުރަންޖެހޭ އަޅުކަމެއް ކަމެވެ.
މީގެ ދުވަސް ކޮޅެއް ކުރިން މާލޭގެ މިސްކިތަކުން އަސުރު ނަމާދަށް ގޮވި ގަޑީ ފެނުނު މަންޒަރެއް ހިއްސާ ކޮށްލާނަމަވެ. އުފެދުމުގައި ހުރި އައިބު ކަމެއްގެ ސަބަބުން ރަނގަޅަށް ފައިތިލަ ނޭޅޭ ކުޑަ ކުއްޖަކު އެ ކަމަށް ފަރުވާލެއް ނެތި، ބަންގި ގޮވުމާއި އެކު ނަމާދަށް ދިޔަ މަންޒަރެވެ. އެކުއްޖާ ބުނާ ފަދަ އެވެ. މިއަދު ތަކުލީފުގައި އުޅެން ޖެހުނަސް ﷲގެ އެންގުވުމަށް ކިޔަމަންވެއްޖެނަމަ ލިބެން ހުރި ނިއުމަތްތައް މާ ގިނަ އެވެ.
މިއީ މިއަދު އެތައް ޒުވާނުންނެއް ވިސްނަންޖެހޭ ކަމެކެވެ. ނަމާދަށް ތިބާ ނުދާން ދެއްކޭނެ އުޒުރެއް ނޯންނާނެ އެވެ. ނިދިފައި އޮވެއްޖެނަމަ ހޭލުވުމާއި އެކު ނަމާދު ކުރަން ޖެހޭނެ އެވެ. ހަނދާން ނެތިއްޖެނަމަ ހަނދާން ވުމާއި އެކު ކުރަން ޖެހެ އެވެ. ރައްޓެހިންނާއި އެކު ކޮފީ ބޯން އިނުމަކީ ނަމާދު އަޅަން ދެއްކޭނެ އުޒުރެއް ނޫނެވެ. ވަޒީފާގައި އުޅެން ޖެހުމުން ނަމާދު އަޅަން ޖެހުނޭ ބުނުމުން ގަބޫލެއް ނުކުރެވޭނެ އެވެ.
މި މަންޒަރުތަކުން މިއަދު އުމުރުން ދުވަސްވީ އެތައް ބަޔަކު މިސާލު ނަގަން ޖެހޭނެ އެވެ. ތިމާގެ ގައި ބާރު ދެރަވުމަކީ، ނަމާދަށް ފަރުވާ ކުޑަކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ. ނަމާދަކީ އިންސާނާ އަށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އޮތް އެންމެ ތަނަވަސް މަގެވެ.
އެހެން ކަމުން މިއަދު ތިބާ ނަމާދު ނުކޮށް ހުރުމުން ދެން ދައްކަން އޮތީ ކޮން އުޒުރެއް ތޯ އެވެ.؟