ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލަ ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އިއްޔެ ހުކުމް ކޮށްފަ އެވެ.
އެހެން ނަމަވެސް އިއްޔެ ކޯޓުން ކުރި ހުކުމުގެ ރިޕޯޓް އަދިވެސް ލިބިފައި ނުވުމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ އޮފިޝަލަކު ވިދާޅުވީ، އަދިވެސް ރިޕޯޓު ކޯޓުން ހަވާލު ކޮށްފައި ނުވާ ކަމަށާއި، އެހެން ކަމުން ވަކީލުންނާއި ލީޑާޝިޕުން އެކަމާއި ގުޅިގެން ކޯޓު ކައިރިއަށް ވަޑައިގެންފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެބޭފުޅުން ކޯޓަށް ވަނުމަށް އެސްއޯ ފުލުހުން ހުރަސް އަޅާފައި ވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މަނީ ލޯޑަރިންނާއި، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ރައީސް ޔާމީން މައްޗަށް ވަނީ ކަނޑައަޅާފަ އެެވެ.
ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާގެ ކުށުގެ އަދަބުގެ އެންމެ ކުޑަ މިންވަރަކީ ފަސް މަސް ދުވަހެވެ. ނަމަވެސް ދައުލަތުން އެދުނީ އެ ދެ ކުށުގެ އަދަބުވެސް ބޮޑުކޮށްދެވެން އޮތް އެންމެ ބޮޑެއް ކޮށްދިނުމަށެވެ. އެގޮތުން 19 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނެވެ.