ads
ކާށި
މާލޭގެ ފިހާރަ ތަކުން ކާއްޓެއް 35 ރުފިޔާ އަށް!
މާލޭގެ ފިހާރަތަކުން ކާއްޓެއްގެ އަގު އިންތިހާ ދަރަޖައަށް އުފުލިއްޖެ އެވެ.

މީގެ ކުރިން މާލޭގެ ފިހާރަތަކުން ފަސް ރުފިޔާ އާއި އަށް ރުފިޔާ އާއި ދެމުދުގެ އަގެއްގައި ކާށި ގަންނަން ލިބެ އެވެ. އަދި ބައެއް ދުވަސް ވަރު އަގު އުފުލުނު ކަމުގައި ވީނަމަވެސް 15 ރުފިޔާ އިން ދަށުން ކާއްޓެއް ގަންނަން ލިބެ އެވެ. 

އެހެން ނަމަވެސް މިއަދު މާލޭގެ ގިނަ ފިހާރަތަކުން އެންމެ ކުޑަކޮށްވެސް ކާއްޓެއް ގަންނަން ލިބެން ހުރީ 35 ރުފިޔާ އަށެވެ. އަދި ބައެއް ފިހާރަ ތަކުން ހެޔޮވަރު ސައިޒުގެ ކާއްޓެއް ލިބެން ހުރީ 45 ރުފިޔާ އަށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދެއްކި ފިހާރަ ތަކުގެ ވެރިން ބުނީ، ބާޒާރުން ކާށި ގަންނަން ލިބޭ އަގު މިހާރު އިންތިހާ އަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ކާއްޓެއް ތިން ރުފިޔާ އާއި އަށް ރުފިޔާ އާއި ދެމެދުގެ އަގެއްގައި ލިބެން ހުރި ނަމަވެސް މިހާރު އެންމެ ކުޑަކޮށްވެސް ކާށި ގަންނަން ލިބެނީ، 20 ރުފިޔާ އަށް ކަމަށް އެފަރާތްތަކުން ބުންޏެވެ. 

"ކާށީގެ އަގު އުފުލުނީ މި އަޅުގަނޑުމެންވެސް އެ ގަންނަން ޖެހޭ އަގު ބޮޑުވުމުން. ފިހާރަތަކުން ކާށި މި ގަންނަނީ މާރުކޭޓުން. މާރުކޭޓުން ކާއްޓެއް ލިބެން ހުރީ އެންމެ ކުޑަކޮށްވެސް 20 ރުފިޔާ އަށް. އެ މީހުން ބުނަނީ ކާށި ލިބުން ދަތީ އޭ ހަމަ." ފިހާރައެއްގެ ވެރިޔަކު ބުންޏެވެ.

މިކަމާއި ގުޅިގެން މާރުކޭޓުގެ ގޮޅިއެއް ހިންގަމުން އަންނަ ދިވެއްސަކާއި ސުވާލު ކުރުމުން އޭނާ ބުނީ، ކުރިން 300 ރުފިޔާ އަށް ކާށި ބަސްތާއެއް ލިބުނު ނަމަވެސް މިހާރު އެންމެ ކުޑަކޮށްވެސް ބަސްތާއެއް ލިބެން ހުރީ 1000 ރުފިޔާ އަށް ކަމަށެވެ. އަދި ބައެއް މީހުން ބަސްތާއެއް 1500 ރުފިޔާ އަށް ވިއްކަމުން އަންނަ ކަމަށްވެސް އެފަރާތުން ބުންޏެވެ. 

ކާށީގެ އަގު އިންތިހާއަށް އުފުލިގެން މި ދިޔައީ، ބާޒާރަށް ގެންނަ ކާށީގެ އަދަދު ދަށްވުމުން ކަމަށް މާރުކޭޓުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ކާށީގެ އަގު މިއަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް