
އުޒްބަކިސްތާނުގައި ކުދިން މަރުވެފައިވަނީ 'ޑޮކް-1 މެކްސް' ކިޔާ ބޭހެއް ބޮއެގެންނެވެ. މި ބޭސް އުފެއްދި އިންޑިއާ ކުންފުންޏަށް ކިޔަނީ 'މަރިއޮން ބައޯޓެކް' އެވެ.
އުޒްބަކިސްތާނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވުޒާރާއިން ހެދި ޓެސްޓުތަކުން 'އެތެލީން ގުލްކޮލް' ކިޔާ މާއްދާއެއް ބޭހުގައި ހުރިކަމަށެވެ.
މި ބޭސް ބުއި ކުދިންނަށް ހޮޑުލެވުމާ، ހޭނެތުމުގެ އިތުރުން ހިތުގެ މައްސަލަތައް ދިމާވެފައިވާކަމަށް އުޒްބަކިސްތާނުން ބުނެއެވެ. ބައެއް ކުދިންގެ ކިޑްނީ ވަނީ ފެއިލް ވެފައެވެ. މި އަލާމާތްތައް ފެނިގެން އިތުރު 20 ވަރަކަށް ކުދިން ވަނީ އެނދުމަތި ވެސް ކޮށްފައެވެ.
މި ބޭހުގައި އެކުލެވޭ މާއްދާއަކީ މީގެކުރިން ވެސް އިންޑިއާއިން އުފެއްދި ބޭހެއް ބޮއެގެން ގަމްބިއާ ގައި 70 ކުދިން މަރުވި ބޭހުގައި ވެސް އެކުލެވޭ މާއްދާއެވެ.
މި މައްސަލަ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ތަހުގީގުކުރަން ފަށާފައެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓީ އިން އަދި މި ބޭސް އުފެއްދި ކުންފި މަރިއޮން ބަޔޯޓެކް ކުންފުނިން ވެސް މި މައްސަލައިގައި އެއްވެސް އެއްޗެކޭ އަދި ނުބުނެއެވެ.
'ޕެރަސެޓަމޯލް' އަކީ ވެސް 'ޑޮކް 1 - މެކްސް' ގައި އެންމެ ގިނައިން އެކުލެވޭ އެއް މާއްދާއެވެ. އުޒްބަކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފައިވަނީ ބޭސް ބުއޮގެން މަރުވި ގިނަ ކުދިން ބޭސް ބޮއެފައިވަނީ ބޭސް ސިޓީއަކާ ނުލައިކަމަށެވެ. ބޭސް ދިން ބެލެނިވެރިން އެ ބޭހަކީ ރޯގާ ފަސޭހަ ވާ ބޭހެއް ކަމަށް ހީކޮށް ދީފައިވާކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މި ބޭސް ހުން ނާންނަނީސް ބޮއެގެން ނުވާނެކަމަށް ބޭހުގައި ލިޔެފައިވެއެވެ.
މި ބޭސް ދިން މީހުން ދެ ދުވާހާއި ހަތް ދުވަސް ވަންދެން އެ ކުދިންނަށް 2.5 އެމްއެލް އާ 5 އެމްއެލް އާއި ދެމެދު ގެ ބޭސް ތިންއިރު އަދި ހަތަރު އިރު ދީފައިވެއެވެ. މިއީ ކުޑަކުދިންނަށް ބޭސް ދޭންޖެހޭ މިންވަރަށް ވުރެ އިތުރު އަދަދެއްކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ބޭސް ވިއްކުން އެ ގައުމުގައި ހުއްޓާލާނީ އިތުރު ތަހުގީގުތަކަށް ފަހު ކަމަށް އުޒްބަކިސްތާނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.