މި އޮޑިޑް ރިޕޯޓަކީ، 2017 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް އެޗް.ޑީ.ސީ އިން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އެ މުއްދަތުގައި ކުންފުނީގެ ކޭޝް ފްލޯ ދަށްވުމަށް މެދުވެރިވި ސަބަބުތަކުގެ މައްޗަށް ބަލައި ހަދާފައިވާ އޮޑިޓެކެވެ.
އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ފުރަތަމަ މަރުހަލާގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ސަރަހައްދުގައި ހުރި، 30،000 ޓަނުގެ ކުނި ހުސްކޮށް ތިލަފުއްޓަށް ގެންދަން 12.36 މިލިއަން ރުފިޔާއަށް ވެމްކޯ އާ ހަވާލު ކޮށްފައި ވާކަމަށެވެ.
ދެވަނަ މަރުހަލާގެ ދަށުން ހަމަ އެ ސަރަހައްދުގައި ހުރި ކުނި ސާފުކޮށް ތަން ހުސް ކުރުމަށް، ޖެހިގެން އައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލު ކޮށްފައި ވާކަމަށާއި، ދެވަނަ މަރުހަލާ ކުރިއަށް ގެންދިއުމަށް އެ ކުންފުންޏާއި، އެޗްޑީސީއިން ހަވާލު ކުރީ 18.04 މިލިއަން ރުިޔާ އަށް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އެހެން ނަމަވެސް ދެވަނަ މަރުހަލާގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން އަމިއްލަ ކުންފުންޏާއި ހަވާލު ކުރީ، އެޗްޑީސީގެ ޕްރޮކިޔުމަންޓު އުސޫލާ ހިލާފަށް ޑީޓެއިލްޑް ސްޕެސިފިކޭޝަން އަދި ސްކޯޕް އޮފް ވޯކް ފަދަ ލިޔެކިޔުންތައް ތައްޔާރުނުކޮށް ކަމަށެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، އެޗްޑީސީއިން އެ މަސައްކަތް ބީލަމަށް ނުގޮސް އަމިއްލަ ކުންފުންޏަކާއި، ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމީ ވަގުތު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް ބުނި ނަމަވެސް، އެތަން ތަރައްގީ ކުރުމަށް ބިން ކަނޑައެޅުމަށްފަހު އެތަން ސާފު ކުރުމަށް އެޗްޑީސީއަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބިފައިވާކަމަށާއި، އެހެން ކަމުން އެކަން ބީލަމަކަށް ލައިގެން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މުއްދަތެއް ލިބިފައިވާކަމަށް ގަބޫލު ކުރެވޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ މަސައްކަތް ހަވާލު ކުރި އަމިއްލަށް ކުންފުންޏަކީ، އެމަސައްކަތް ކުރެވޭނެ ކަމުގެ ގާބިލުކަމާއި އުޅަނދުފަހަރު ފަދަ ވަސީލަތްތައް ހުރި ކުންފުންޏެއްކަން ވެސް ޔަގީން ކޮށްފައި ނުވާ ކަމަށާއި، އެ މަސައްކަތް ނިންމުމަށް ދިން މުއްދަތަކަށް އެ ކުންފުންޏަށް މަސައްކަތް ނިންމުމުން، އެއްބަސްވުމުގެ ސްކޯޕް އޮފް ވާކަށް ބަދަލެއް ނުގެނެސް، މަސައްކަތް ނިންމުމަށްޓަކައި އިތުރު 6.87 މިލިއަން ރުފިޔާ ދީފައިވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މި މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބެލެވޭ ކަމަށާއި، އެހެން ކަމުން މިކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.