ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ނެރެމުންދާ ދައުލަތުގެ ހަރަދުތަކާއި އާމްދަނީ ގެ ތަފްސީލުތައް ހިމެނޭ މާލީ ތަފާސް ހިސާބުތަކުގައެވެ.
މާލީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 27.5 ބިިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ 25.5 އިންސައްތަ އިން އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސް ގެ ގޮތުގައި ލިބޭ އާމްދަނީ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް ދުވަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ޖުމްލަ 19.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.6 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު، 30.8 އިންސައްތައިގެ އިތުރުވުމެކެވެ.
މައިގަނޑު ގޮތެއްގައި ޓެކްސް އިން ލިބޭ އާމްދަނީ ގެ ގޮތުގައި ހިމެނެނީ އިމްޕޯޓް ޑިއުޓީ އާއި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް އާއި މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ގެ ގޮތުގައި ލިބޭ އާމްދަނީއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމަޔަށް މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.7 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު، 24.6 އިންސައްތައިގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުަގައި ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމަޔަށް ދައުލަތަށް 6.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2021 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 5.2 ބިލިއަން ރުފިޔާއެވެ.
މިދޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމަޔަށް ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.
ޓެކްސް ނުހިމެނޭ އެހެނިހެން އާމްދަނީގެ ގޮތުގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ ގެ ޖުމްލަ އަކީ 8.2 ބިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އެގޮތުން ދައުލަތަށް ލިބިފައިވަނީ 6.2 ބިލިއަން ރުފިޔާ އެވެ. ޓެކްސްގެ ގޮތުގައި ނުހިމެނޭ އެހެނިހެން އާމްދަނީ ގެ ގޮތުގައި ހިމެނެނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓް އަދި އިދާރާތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީ (ޕްރޮޕަޓީ އިންކަމް) ފަދަ އާމްދަނީތަކެވެ.
ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 820 މިލިއަން ރުފިޔާ، ކުންފުނިތަކުން ލިބޭ ޑިވިޑެންޓް ގެ ގޮތުގައި 642.9 މިލިއަން ރުފިޔާ އަދި އިދާރާތަކުގެ ކުލީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ދައުލަތަށް އާމްދަނީ ގެ ގޮތުގައި ލިބިފައިވެއެވެ.
ދައުލަތަށް ލިބުނު އާމްދަނީ 2021 އަހަރަށް ވުރެ ނިމިދިޔަ އަހަރު އިތުރުވެފައި ވާއިރު، ދައުލަތުގެ ހަރަދު 2021 ވަނަ އަހަރަށް ވުރެ 2022 ވަނަ އަހަރު ވަނީ އިތުރުވެފައެވެ. ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމަޔަށް ދައުލަތުގެ ބަޖެޓުން 39.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2021 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ހޭދަކޮށްފައިވަނީ 33 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ހޭދަ ކުރަނީ ރިކަރަންޓް ހަރަދުތަކަށާއި ކެޕިޓަލް ހަރަދު ތަކަށެވެ. ރިކަރަންޓް ހަރަދު ގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރަ އާއި އިދާރީ އަދި ހިންގުމުގެ ހަރަދުތަކެވެ. ކެޕިޓަލް ހަަރަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކަށް ކުރާ ހޭދަތަކެވެ. ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް ދައުލަތުން ވަނީ 8.8 ބިލިއަން ރުފިޔާ މަޝްރޫއުތަކަށް ކުރާ ހޭދައިގެ ގޮތުގައި ހަރަދުކޮށްފައެވެ.