ads
ފާއިތުވި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.8 ބިލިއަން ރުފިޔާ ހޭދަކުރި.
އަހަރު ނިމުނުއިރު، ދައުލަތުގެ ހަރަދު 40 ބިލިއަނަށް
ފާއިތުވި އަހަރު ނިމުނުއިރު ދައުލަތުގެ ހަރަދުތަކަށް ބަޖެޓުން 40 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ނެރެމުންދާ ދައުލަތުގެ ހަރަދުތަކާއި އާމްދަނީ ގެ ތަފްސީލުތައް ހިމެނޭ މާލީ ތަފާސް ހިސާބުތަކުގައެވެ.

މާލީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދަށް 27.9 ބިލިއަން ރުފިޔާ ބަޖެޓުން ހޭދަކުރިއެވެ. އޭގެ ތެރެއިން 11.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށެވެ.

ނިމުނު އަހަރު އާސަންދަ އާއި އެހީގެ ގޮތުގައި 8.4 ބިލިއަން ރުފިޔާ ބަޖެޓުން ވަނީ ހޭދަކޮށްފައެވެ. އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރާއިރު، ސަބްސިޑީއަށް 3.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދައުލަތުން ދޭ ބަދަލުގެ ގޮތުގައި 45 މިލިއަން ރުފިޔާ ހޭދަކުރިއިރު، ލޯނު އަނބުރާ ދެއްކުމަށް 2.6 ބިލިއަން ރުފިޔާ ހޭދަކުރިއެވެ.

ކެޕިޓަލް ހަރަދުތަކަށް މިދިޔަ އަހަރު 11.9 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދުކުރިއެވެ. ފާއިތުވި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.8 ބިލިއަން ރުފިޔާ ހޭދަކުރިއެވެ. ބްރިޖް މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 1.4 ބިލިއަން ރުފިޔާ ބަޖެޓުން ހޭދަކުރިއެވެ. 

މިދިޔަ އަހަރު ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 687.4 މިލިއަން ރުފިޔާ ހޭދަކުރިއިރު، ބިން ހިއްކުމަށް 784.9 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 825.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތަށް 27.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެ 3.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރު ނިމުނުއިރު، ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 12 ބިލިއަން ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް