ads
ގިރާވަރު ފަޅު ތަރައްގީއަށް ނޫނުގެ ފަޅެއް 339 މިލިއަނަށް ވިއްކާލައިފި
ގިރާވަރު ފަޅު ތަރައްގީ ކުރުމަށް ނ. އަތޮޅުގެ ފަޅެއް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އަށް ވިއްކާލައިފިއެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރު ފަޅު ތަރައްގީ ކުރުމާ ހަވާލުވެފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ.

އެނގިފައިވާ ގޮތުގައި އެ ކުންފުނިން ނ. އަތޮޅުގެ ފަޅެއް ވިއްކާލާފައި މި ވަނީ ގިރާވަރު ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިކުއިޓީ އަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ސުވިޒަލޭންޑުގެ ކުންފުންޏަކަށް ފަޅު ވިއްކާލައިގެން މިހާތަނަށް ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ހޯދައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ގިރާވަރު ފަޅު ހިއްކައިގެން "ރެސިޑެންޝަލް ސިޓީ"އެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު ވަނީ އިއުލާނު ކޮށްފައެވެ.

ނިމިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާ ގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސާލިހު ވަނީ ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން ގޯތި ދޫކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. އެގޮތުން އެ ފަޅު ހިއްކައިގެން މަދުވެގެން 2،000 ގޯތި މާލެ ރައްޔިތުންނަށް ދޫކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް ސާލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ގިރާވަރު ފަޅުގައި "ރެސިޑެންޝަލް ސިޓީއެއް" އެއް ތަރައްގީކުރުމަށް ރައީސްގެ ގަރާރަކުން ވަނީ އަންގާފައެވެ.

ގިރާވަރު ފަޅު، "ރެސިޑެންޝަލް ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ސާލިހު ނެރުއްވި ގަރާރުގައި، އިގުތިސާދީ ސިޔާސަތެއްގެ ދަށުން ދައުލަތުގެ މަންފާ އަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުން ހިމަނާފައިވެއެވެ. މި މަޝްރޫއަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް