ads
ފްލައި ދުބާއީގެ ފްލައިޓެއް.
ފްލައި ދުބާއީން އައްޑޫއަށް ފަށާ ދަތުރުތައް ޖޫން 24 އަށް ފަސްކޮށްފި
ފްލައި ދުބާއީން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަން ނިންމާފައިވާ ދަތުރުތައް ޖޫން މަހުގެ ފަހުކޮޅަށް ފަސްކޮށްފިއެވެ.
Advertisement

ޔޫއޭއީގެ ބަޖެޓް އެއާލައިން ފްލައި ދުބާއީގެ ރާއްޖޭގެ އެޖެންޓް އިނާ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފްލައި ދުބާއީން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވީ ނަމަވެސް މިހާރު ދަތުރުތައް ފަސްކޮށްފައިވާ ކަމަށެވެ. އިނާ މޯލްޑިވްސް އިން ބުނި ގޮތުގައި އެ އެއާލައިނުގެ ދަތުރުތައް އައްޑޫއަށް ފެށުމަށް މިހާރު ހަަމަޖެހިފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އައްޑޫއަށް ކުރަން ނިންމި ދަތުރުތަކުގެ ފެށުން ފަސްކުރަން އެ އެއާލައިނުން ނިންމީ މި ދަތުރުތައް މާކެޓުކުރަން އިތުރު ވަގުތު ބޭނުންވާތީ ކަމަށާއި އެގޮތުން އަށް މަންޒިލެއްގައި އޮންނަ ޓްރެވަލް އެކްސްޕޯތަކެއްގައި ބައިވެރިވެ، ރާއްޖެއަށް އެ އެއާލައިނުން ކުރާ ދަތުރުތައް އިޝްތިހާރު ކުރުމަށް ފްލައި ދުބާއީ އިން ވަނީ ނިންމާފައެވެ.

މިހާރުވެސް ޖޫން 24 ވަނަ ދުވަހު އައްޑޫއަށް ފަށާ ދަތުރުތަކަށް ޓިކެޓު ނެގޭނެ ކަމަށާއި މި އަންނަ މަހު ފެށުމަށް ކުރިން ރާވާފައިވާ ދަތުރުތަކަށް ޓިކެޓު ނެގި ފަރާތްތަކަށް އިތުރު ޗާޖަކާއި ނުލައި ޓިކެޓުގެ ތާރީހު ބަދަލުކޮށްލެވޭނެ ކަމަށް ވެސް އިނާ މޯލްޑިވްސް އިން ބުނެއެވެ.

ފްލައި ދުބާއީގެ ދަތުރުތައް ލަސްވުމާ ގުޅިގެން އިނާ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ މި ނިންމުމަކީ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓުތަކުގައި ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިހާރު ޓިކެޓު ނަގާފައިވާ މީހުން މި މުއްދަތުގައި ދަތުރުކުރަން ބޭނުންވާނަމަ ހިލޭ ޑޮމެސްޓިކް ޓިކެޓްގެ އިތުރުން ދުބާއީގައި ދެ ދުވަހު ހުރުމުގެ ހަރަދު ހިލޭ ހަމަޖައްސައިދޭނެ ކަމަށްވެސް އިނާ މޯލްޑިވްސް އިން ބުނެއެވެ.

އައްޑޫއަށް ކޮންމެ ދުވަހަކު ދަތުރުކުރާ ގޮތަށް ފްލައި ދުބާއީން ވަނީ ނިންމާފައެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން، ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދުބާއީ އަކީ ދަތުރުފަތުރުގެ ހަބަކަށްވުމުން މި ދަތުރުތަކާ އެކު ދުނިޔޭގެ 185 ގައުމަކާ އައްޑު އާ ގުޅާލަދޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް