ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާކަން ގައިސް ވަނީ "ސީއެންއެމް" އަށް ކަށަަވަރު ކޮށްދެއްވާފަ އެވެ. ވިދާޅުވީ، އިސްތިއުފާ ދެއްވީ މިވަގުތު އަމިއްލަ ކަމަކަށް ވަގުތު ހުސްކުރަން ބޭނުންވާތީ ކަމަށެވެ.
ކޮމިޝަނުގެ ނައިބު ރައީސްކަމަށް ގައިސް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، އޭރު އެމަގާމުގައި ހުންނެވި، ފާތުމަތު ޒައިނާ އެމަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.
ޒައިނާ އިސްތިއުފާ ދެއްވީ، މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅެތީ އާއި ބްރޮޑްކޮމްގެ މެމްބަރުންނަށް މަތި ކޮށްފައިވާ ގާނޫނީ ވާޖިބު އަދާ ނުކުރާކަމަށް ބުނެ އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް އެކޮމިޓީން ފޮނުވާފައިވަނިކޮށެވެ.
އޭރު އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބާއި މެމްބަރު އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް ވެސް ބްރޮޑްކޮމް އިން އިސްތިއުފާ ދެއްވި އެވެ. ރައީސަކަށް މަރިޔަމް ވަހީދާ އަދި ނައިބު ރައީސަކަށް ގައިސް އައްޔަން ކުރެއްވީ އެ މަގާމުތައް ހުސްކޮށް އޮންނަތާ މަހެއް ފަހުން ނެވެ.