ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ގޮތަށް އަންގާފައިވަނީ މިދިޔަ ހަފްތާގައެވެ. އަހްމަދު މަގާމުން ވަކިކޮށްގެން އޭނާ ޖޭއެސްސީއާ ދެކޮޅަށް ދައުވާ ކުރީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މި މައްސަލައިގައި ހުކުމް ކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ.
ސޯޝަލް މީޑިއާގައި އެމްޑީޕީ ސަރުކާރަށް ފާޅުގައި ފާޑު ކިޔަމުން އަންނަ އަހްމަދާ ގުޅޭ ގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިން ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓާ އެތައް ފަހަރަކު އޭނާ ހިލާފުވެފައިވާ ކަމަށެވެ.
ޑީޖޭއޭއިން ކުރިން ބުނީ ޖުޑީޝަރީގެ މުވައްޒަފުންނަކީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި ގަދަރު ހިފެހެއްޓޭ ގޮތަށް ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އަމަލުތައް ބަހައްޓަންޖެހޭ ބައެއް ކަމަށް ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓުގައި ބުނިނަމަވެސް އަހުމަދު އިބްރާހިމް ހިންގާ އެކައުންޓުން ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހި، ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭގޮތުން ސުވާލު އުފެދޭ ފަދަ އަދި އެ ދާއިރާގެ އަގު ވެއްޓޭ ފަދަ ކޮންޓެންޓު ހިމެނޭ ސިޔާސީ އެކްޓިވިސްޓު ދަރަޖައިގެ ޓްވީޓުތައް ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެފައިވަނީ އަހްމަދު ވަޒީފާއިން ވަކިކުރުމުގައި ގާއިމް ކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިޖުރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ ދެ މަސް ދުވަހުގެ މުސާރަ ދޭން ވަނީ އަންގާފައެވެ.