ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ވިދާޅުވިގޮތުން، ޔާމީންގެ މައްޗަށް ހުކުމް ކުރި ދުވަހު ވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، މަހުޟަރު ބަޔާންތަކާ އެކު ދޭން އެ ޓީމުން އެދިފައިވާނެ އެވެ. ކޯޓުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތައް ތަފްސީލުކޮށް އެނގެން އޮންނަ އެ މަހުޟަރު ބަޔާނަކީ އިސްތިއުނާފުގެ އެއް މަސްދަރު ކަމަށް ޝިޔާޒް ވިދާޅުވިި އެވެ.
ނަމަވެސް މިހާތަނަށްވެސް އެލިއުންތައް ލިބިފައި ނުވާކަމަށާއި، ހުކުމް އިއްވާ ދުވަހު ހުލާސާ ރިޕޯޓު ދޭން ޖެހޭ ނަމަވެސް، އެ ރިޕޯޓު ނުދީގެން އިހްތިޖާޖު ކުރުމުން، ހުކުމްކުރިތާ އެއް ދުވަސްފަހުން ވެސް ކޯޓުން ހަވާލުކުރީ ޝަަރީއަތުގެ ހުލާސާއެއް ކަން ވަކީލް ޝިޔާޒް ފާހަގަކުރެއްވި އެވެ.
ވ.އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނާއި ހަވާލުކޮށް، ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުން ދަނިކޮށެވެ. ޔާމީން އަށް އައި ޖަލު ހުކުމާއި ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާ މިދަނޑިވަޅުގައި އެ ހުކުމް ވީހާވެސް އަވަަހަށް އިސްތިއުނާފު ކުރާނެކަމަށް ވަކީލުން އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެކަމަކު، އެމައްސަލަ އަދި އިސްތިއުނާފެއް ނުކުރެ އެވެ.
މިކަމާއި ގުޅިގެން އެ ޓީމުގައި ހިމެނޭ ވަކީލު އާދަމް ޝަމީމްވެސް ވިދާޅުވީ، އިސްތިއުނާފް ކުރުމަށް ބަންދު ދުވަސްތަކާއި ނުލައި 60 ދުވަސް ލިބޭ ކަމަށާއި، ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ވެސް އަދި ނުލިބޭ ކަމަށެވެ. "ހެޔޮވަރު ވަރަކަށް އޮޅިފަ އޮތް ކަންވާރު ބޮޅެއް ފިލުވާލަން ދުވަސްކޮޅެއް ނަގާނެ" ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ޖިނާއީ މައްސަލައެއްގައި ދިފާއީ ވަކީލުކަން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ގިނަ ވަގުތު ބޭނުންވާ ކަންކަން ކަމަށެވެ.