އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 27.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި ނިމުނު މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވަރަށް 77.0 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު، އިތުރު އަދަދެއް ކަަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ވޭތުވެދިޔަ ހަަތަރު އަހަރުގެ ޑިސެމްބަރު މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީ:
ފާއިތުވެ ދިޔަ މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއް ކަމުގައި މީރާ އިން ބުނީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި ޖީޖީއެސްޓީ އާއި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސްގެ އިތުރުން ނޮން-ރެސިޑެންޓް ވިތްހޯލްޑިންގް ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި ޑިސެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ބޮޑު އިންސައްތައަކީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ކަމުގައެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދުގެ ދަށުން، 99 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަން ޖެހޭ ފީގެ ރޭޓު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އިތުރު ކުރުމަށް ކަނޑައެޅިފައި ވުމާ އެކު، ގިނަ ރިސޯޓުތަކަކުން ސުންގަޑި އަށް ފައިސާ ދައްކާފައިވުމުން، މީރާ އަށް ބަލައިގަތް އާމްދަނީ އަށް ލިބުނު ކުރިއެރުން ބޮޑުވީ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މީރާ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު އެ އޮތޯރިޓީ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ.
މިދިޔަ ޑިސެމްބަރު މީރާ އަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
މީރާ އިން ބުނި ގޮތުގައި ފާއިތުވި ޑިސެމްބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވި ސަބަބަކީ ޓީޖީއެސްޓީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަ ޓެކްސްގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމުގައެވެ.
މިދިޔަ އަހަރުގެ ފަހު މަހުގެ އާމްދަނީ އިތުރުވެފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ކުރިން ނަގަމުން އައި އަދަދު ވަނީ ބޮޑުކޮށްފައެވެ.