އަދުލު އިންސާފުގެ ނިޒާމަށް މުހިންމު އިސްލާހުތަކެއް ގެނައުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި ނުރައްކާތަކާ ދެކޮޅަށް 2022 ވަނަ އަހަރު ދިވެހި ސަރުކާރު ވަނީ ނާކާމިޔާބުވެފައިަކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެއީ ހިޖުރަވެރި މަސައްކަތްތެރިންނާއި އެލްޖީބީޓީ މީހުންނާއި އަދި ރާއްޖޭގައި ނުރައްކާއޮތް މީހުންނަށް އެކަށީގެންވާ ގޮތުގައި އަޅާލެވިފައި ނުވާކަމަށް އެ ޖަމިއްޔާއިން ނެރުނު "ވޯލްޑް ރިޕޯޓު 2023" ގައި ބުނެފައިވެއެވެ.
އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ހަރުކަށި ދީނާ ޖަމާއަތްތަކާއި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ތެދުވުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ނާކާމިޔާބުވެފައިަކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ވައުދުވި އިސްލާހުތަކެއް ސަރުކާރުން ކުރިއަށް ނުގެންގޮސް، ސުލްހަވެރި މުޒާހަރާތައް ހަނިކުރުމަށް އެ ގާނޫނު ބޭނުން ކުރަމުން ދިޔަ ކަަމަށްވެސް ވަނީ ބުނެފައެވެ. މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ފުލުހުން އުނދަގޫކޮށް އިންޒާރު ދިންކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ 33 ވަނަ އެޑިޝަން ކަމަށްވާ 712 ސަފްހާގެ "ވޯލްޑް ރިޕޯޓް 2023" ގައި 100 އާ ގާތްކުރާ އަދަދަކަށް ގައުމެއްގައި އިންސާނީ ހައްގުތަކާ ބެހޭ އުސޫލުތައް މުރާޖައާކޮށްފައިވެއެވެ.
އެ ޖަމިއްޔާއިން ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ފާޑުކިޔައި ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މޫސުމާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަގުވާމީ ފޯރަމްތަކުގައި މޯލްޑިވްސް ސަރުކާރުން ވަރަށް އަޑު ހަރުކޮށް ވާހަކަ ދެއްކި ނަމަވެސް ތިމާވެއްޓާ މެދު ވެސް ދިވެހި ސަރުކާރުން އެކަށީގެންވާ އަޅާލުމެއް ނުބުހައްޓާކަމަށެވެ. އެގޮތުން ބަޔޯޑައިވަރސިޓީއާއި ބިޔަ މުރަކަ ފަރުތަކުގެ ސަބަބުން މަޝްހޫރު އައްޑޫ އެޓޯލްގައި ބޮޑު ބިން ހިއްކުމާއި ބިން ހިއްކުމުގެ މަޝްރޫއެއް ހިމެނޭ ގޮތަށް ތަރައްގީގެ ޕްލޭންތައް ކުރިއަށް ދިޔައީ އީޕީއޭގެ އެންގުމާ ހިފާލަށް ކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މަރާލާފައިވާ ނޫސްވެރިއާ އަހުމަދު ރިލްވާނާއި، ޔާމިން ރަޝީދުގެ މައްސަލައިގެ އަޑުއެހުންތަކަށް ވެސް ދީނީގޮތުން ހަރުކަށި މީހުންގެ ނުފޫޒުގެ ސަބަބުން ހުރަސްއެޅޭކަން ވެސް އެެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ބިދޭސީން ތަކެއް ތިބި ތަނުގައި އަލިފާންރޯވެ 10 މީހުން މަރުވި މައްސަލައިގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ބިދޭސީންނާމެދު ދިވެހިރާއްޖޭގައި ޒަމާނުއްސެރެ ހިތަމުން ދިޔަ ދެރަ ނިކަމަތި ގޮތައް އެއްވެސް ބަދަލެއް އަދިވެސް ނާންނަކަމަށެވެ.