ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް ވޯލްޑު ބޭންކުން ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިޒަ މިހެން ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާ އެސްޕަޔަ މަޝްރޫއާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަޖީ (އެސްޕަޔަ) އަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން މާލެ ސަރަހައްދުގައި ފަސް މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ތައިލެންޑުގެ އެންސިސް އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ބައެއް އިމާރާތްތަކުގެ ފުރާޅުތަކުގަ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ސޯލާ ޕެނަލް ހަރުކޮށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ބައެއް ހައުސިންގް ޔުނިޓުތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް މިހާރު ނިމިފައިވާ ކަމަށާއި ޕެނަލްތައް ހަކަތައިގެ މައި ގްރިޑަށް ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ ކަމުގައެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވޯލްޑް ބޭންކް ބްލޮގްގައި ގެނެސްދީފައިވާ އާޓިކަލްއެއް ޓުވިޓާގައި ހިއްސާކުރައްވާ މާޓިން ރައިޒަ ވިދާޅުވީ ފަސް މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށާއި މި މަޝްރޫއަށް ހީނުކުރާވަރުގެ ބޮޑު ޝައުގުވެރިކަމެއް ބޭރުގެ އިންވެސްޓަރުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. މި މަޝްރޫއާ އެކު ހަކަތައަށް ކުރާ ހަރަދު 50 އިންސައްތަ އަށް ކުޑަކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނާ ގޮތުގައި މި މަޝްރޫއު ނިމިގެންދާއިރު، ރާއްޖޭގައި އިރުގެ އަވިން ހަކަތަ އުފެއްދޭ އެންމެ ޕީކް ފަސް ގަޑިއިރުތެރޭގައި އުފައްދާ ހަކަތައިން އަހަރަކު ގާތްގަނޑަކަށް ދެ މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމުގައެވެ. އެ މިނިސްޓްރީން ލަފާކުރަނީ އެ އާއެކު، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 3.8 މިލިއަން ޓަނުގެ ގޭސް މަދުކުރެވޭނެ ކަމަށެވެ.
އެސްޕަޔަގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ-ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރިއެވެ. މި މަސައްކަތުގެ ބީލަން ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުން ކާމިޔާބު ކުރީ ފަންނީ އަދި މާލީ ގާބިލުކަމުގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައިގެންނެވެ.
އެ ކުންފުނިން ވަނީ ސޯލާ ޕީވީ ޖެހުމަށް ހައިވޭ މަގުގެ މެދުގައި އޮންނަ ހުސްބިން ހިމެނޭ ސަރަހައްދުގެ އިތުރުން މަގުގެ މޫދާވީ ފަޅީގައި އޮތް ސަރަހައްދުގައި ސްޓީލް ސްޓްރަކްޗައެއް ގާއިމުކޮށްފައެވެ. އެ ކުންފުނިން ލަފާކުރަނީ މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުމުގެ ކުރިން އެ ސްޓްރަކްޗަގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފެށޭވަރު ވާނޭ ކަމަށެވެ.
މިއީ އެއް މަޝްރޫއެއްގެ ދަށުން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމް ގާއިމުކުރާ މަޝްރޫއަށް ވާއިރު، މި މަޝްރޫއުގެ ދަށުން ދައުލަތުން ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށް ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.