ads
މާލޭގެ މަގުތަކަށް ގަވައިދާއި ހިލާފަށް ނެރެފައި ހުރި ކުނި
މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނަން: ކައުންސިލް
މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
Advertisement

ސިޓީ ކައުންސިލުން މިއަދު ބުނީ، މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އެޅުމަށް އެކައުންސިލުން ނިންމާފައި ވާކަމަށެވެ. 

މި ފިޔަވަޅު އެޅުމަށް ކައުންސިލުން ނިންމީ، "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ހިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުސޫލުގެ ތެރެއިންނެވެ. މި އުސޫލު އާންމުކޮށް އަންގާ އިއުލާން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އެ އުސޫލުގައި ވާގޮތުން މާލެ ސިޓީގެ މަގުތަކާއި، ޕާކުތަކާއި، ހުސްބިންތަކުގެ އިތުރުން މައިޒާންތަކުގައި ކުނި ނުވަތަ ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް ބަހައްޓައިފިނަމަ، ގާނޫނުގެ ތެރެއިން އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި، އެގޮތުން ފުރަތަމަ ފަހަރު ނަމަ، އެ ފަރާތަކަށް ނަސޭހަތް ނުވަތަ އިންޒާރު ދޭނެ ކަމަށާއި، ދެވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ 200 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ. 

ތިން ވަނަ ފަހަރަށް އެކަން ތަކުރާރު ކޮށްފިނަމަ 400 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި، ތިން ފަހަރަށްވުރެ އިތުރަށް ތަކުރާރު ކުރާ ކޮންމެ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އުސޫލުގައި ބަޔާން ކޮށްފައި ވާއިރު، ނަސޭހަތް ދިނުމަށް ނުވަތަ ޖޫރިމަނާ ކުރުމަށްޓަކައި، އެމީހާގެ ނަމާއި ގޭގެ އެޑްރެސް ދިނުމަށް ދެކޮޅު ހަދައި، އަދި އޮޅުވާލައިގެން މައުލޫމާތު ދީފިނަމަ އެމީހަކު 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. 

އުސޫލު އާއްމުކުރިތާ ފަސް މަސްވެފައި ވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ. 

"މާލެ ސިޓީ ކައުންސިލުން ކުނި އެޅުން މަނާ ސަރަހައްދުތައް ފާހަގަވާނެހެން ބޯޑުތައް ހަރުކުރި ނަމަވެސް އެސަރަހައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާކަން މާލެ ސިޓީ ކައުންސިލަށް ފާހަގަވުމާއިއެކު އުސޫލު ގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާއި ގުޅިގެން މަގުތައް މޮނިޓަރކޮށް މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަނެ ޖެނުއަރީ 20 ވަނަ ދުވަހުންފެށިގެން ޖޫރިމަނާކުރުމަށް ވަނީ ނިންމާފަ. އަދި ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން، އެފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ހިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހު." ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ، އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ މި އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

މާލެ ސިޓީ އަކީ ސާފުތާހިރު އަމާން ސިޓީ އަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތުގައި އާންމުންގެ ފަރާތުން މިހާރުވެސް އެހީތެރިކަން ލިބެމުންދާކަން ފާހަގަކޮށް، މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން އެއްވެސް ސަރަޙައްދަކަށް ކުނި އަޅަނިކޮށް ފެނިއްޖެނަމަ ނުވަތަ އާންމު އިޖްތިމާޢީ މިންގަނޑާއި ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓް ކުރުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް