ads
ފައްޔާޒް: ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާތީ އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދުދެއްވި - ފޮޓޯ:ރައީސް އޮފީސް
ލޯނު ނަގައިގެން ތަނެއް ތަރައްގީ ކޮށްގެން ހޯދޭ ކުރިއެރުން މާބޮޑު: ފައްޔާޒު
ތަނެއް ތަރައްގީކުރުމަށް އެތަނަކުން ލިބޭ އާމްދަނީ އަށް އެކަނި ބަލައިގެން ތިބުމުގެ ބަދަލުގައި، ލޯނު ނަގައިގެން އެ ތަނެއް އިތުރަށް ތަރައްގީކޮށްގެން އެ ތަނަކުން ލިބޭ އާމްދަނީ އިތުރުކޮށްގެން ހޯދޭ ކުރިއެރުން މާބޮޑު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާތީ އަމާޒުވާ ފާޑުކިއުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ ބޭނުމަކީ ހަމައެކަނި ދަތުރުކުރުން ނޫންކަމަށާއި އެ އެއާޕޯޓަކީ އިގުތިސޯދާ އިޖުތިމާއީ ކުރިއެރުމަށް ބޮޑުތިލަދުންމައްޗަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން އިންވެސްޓް ކުރުމުން ފާޑުކިއުންތައް އަމާޒުވާ ކަމަށްވީ ނަމަވެސް، މިއީ 33 އަހަރުވަންދެން ބޮޑު ތިލަދުންމަތީގެ ރައްޔިތުން ކުރަމުން އައި އުންމީދެއްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ހިދުމަތް އެ އެއާޕޯޓުގައި އޮތީ ނަންބޯޑުގައި އެކަނި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެ އެއާޕޯޓު ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން:

  • އަގު - 136 މިލިއަން ޑޮލަރު (2.09 ބިލިއަން ރުފިޔާ) 
  • އެއާޕޯޓް ކެޕޭސިޓީ - އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ
  • ރަންވޭ - 2.46 ކިލޯމީޓަރު

your imageހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުުރުމުގެ ތަސައްވުރު ދައްކުވައިދޭ ކުރެހުމެއް - ފޮޓޯ:ގަވަމެންޓްއެމްވީ

މިއީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫއު ކަމަށާއި މި މަޝްރޫއަކީ 21 ވަނަ ގަރުނުގެ އެހެން ގައުމުތަކާ އަރާހަމަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

"މިއީ ހަމައެކަނި ދަތުރުކުރަން އަޅާ އެއާޕޯޓެއް ނޫން. މި ސަރަހައްދުގެ ރައްޔިތުން މި ހުވަފެން ދެކުނީ، އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް ކޮންމެހެން މުހިންމު މަޝްރޫއަކަށް ވާތީ،" - މިނިސްޓަރު ފައްޔާޒް

ރާއްޖޭގެ އެހެން ސަރަަހައްދުތަކުގައި ފަތުރުވެރިކަން ފައްކާވެ ފުޅާވެގެންދާއިރު އަދި މިހާ ދުވަސްވީއިރު އުތުރުގެ ރީތި ރަށްތައް ހުރިއިރު ފަތުރުވެރިކަން އުތުރުގައި ފައްކާވެ ނުދަނީ ކީއްވެތޯ ސުވާލު އުފައްދަވަމުން ފައްޔާޒް ވިދާޅުވީ އެއީ އުތުރަށް ފަތުރުވެެރިން ގެންނާނެ ގޮތެއް ނެތުމުން ކަމަށެވެ.

your imageހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުުރުމުގެ ތަސައްވުރު ދައްކުވައިދޭ ކުރެހުމެއް - ފޮޓޯ:ގަވަމެންޓްއެމްވީ

ފައްޔާޒް ވިދާޅުވީ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްގެން މި ފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމުމުން އެއީ ހަމަ ބޭނުންތެރިކަމެއްތޯ ސުވާލު އުފައްދާ ބޮޑެތި ފާޑުކިއުންތައް އަމާޒުވި ކަމަށެވެ. އެހެން ނަމަވެސް، މި ކަމަކީ ކޮންމެވެސް ހިސާބަކުން ފަށަންޖެހޭ ކަމެއް ކަން ފާހަގަކުރައްވާ ފައްޔާޒް މިސާލު ނެންގެވީ މާލެ އާއި ހުޅުލެ ސަރަހައްދެވެ. އެ ސަރަހައްދު ގޮތަށް މި މަޝްރޫއަކީ އުތުރުގެ ކުރިމަގަށް ކޮށައިދޭ މަގެއް ކަމަށާއި އެކަން ފުރިހަމަ ކުރާނީ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ސަރުކާރުން ރިސްކު ނަގަންޖެހޭ ކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ގައުމެއް ތަރައްގީ ކުރެވޭނީ ލޯނާއި ދަރަނި ނަގައިގެން ކަމަށެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި ތަނެއް ތަރައްގީކުރުމަށް އެތަނަކުން ލިބޭ އާމްދަނީ އަށް އެކަނި ބަލައިގެން ތިބުމުގެ ބަދަލުގައި، ލޯނު ނަގައިގެން އެ ތަނެއް އިތުރަށް ތަރައްގީކޮށްގެން އެ ތަނަކުން ލިބޭ އާމްދަނީ އިތުރުކޮށްގެން ހޯދޭ ކުރިއެރުން މާބޮޑު ވާނެ ކަމުގައެވެ.

your imageހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުުރުމުގެ ތަސައްވުރު ދައްކުވައިދޭ ކުރެހުމެއް - ފޮޓޯ:ގަވަމެންޓްއެމްވީ

މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ ކުރީގެ ސަރުކާރުތަކުގައި ހަމައެކަނި ދައްކަމުން ދިޔަ ވާހަކަ އެއް ކަމަށާއި މިހާރު ގެ ސަރުކާރުން ނިކުމެ ތިބީ، އެކަމަކަށް ބޭނުންވާ ދިރާސާ އާއި ޕްލޭނެއްގެ އިތުރުން މާލީ ތަނަވަސްކަމާ އެކުގައި ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ވެގެންދާނީ އުތުރުގައި ފަތުރުވެރިކަމަށް 8،000 އެނދު ނެރުމަށް ކުރަމުންދާ މަސައްކަތުގައި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ހިތްވަރަކަށް ކަމަށާއި އެ ސަރަހައްދުގައި ރިސޯޓު ހަދަން ރަށްތައް ނަގައިގެން ތިބި ވިޔަފާރިވެރިން އިންވެސްޓް ކުރަން ފަސްޖެހިފައި ތިބީ ދަތުރުފަތުރުގެ ދާއިމީ ނިޒާމެއް ސަރަހައްދުގައި ނެތުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި މި މަޝްރޫއު ވެގެންދާނީ މުޅި ބޮޑު ތިލަދުންމަތީގެ މަންޒަރު ބަދަލުވެ، ފުދުންތެރި ދިރިއުޅުމެއް ހޯދައިދޭނެ މަޝްރޫއަކަށް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް