ads
ހުޅުމާލެ---ފޮޓޯ: އަދަދު
އެހެން ނޫން ނަމަ ގައުމެއް ނޯންނާނެ އެވެ!
ރާއްޖޭގެ ވެރިކަން ކުރާ މާލެ އަކީ ގިނަ ބަޔަކު ދިރިއުޅޭ ބާރުބޮޑު، ހަލަބޮލި ރަށެކެވެ. ދެ ލައްކައެއްހާ މީހުން މި މާލޭގައި އުޅޭ އިރު މާލެ ވެފައި ވަނީ މި ގައުމުގައި އޮތް އެންމެ ކުށްކުރުން ގިނަ ރަށަށެވެ.
Advertisement

އަގުބޮޑުކޮށް މީހުން ގަނެފައި ހުންނަ މުދަލާއި، މީހުންގެ ވިޔަފާރިތަކުން ވައްކަން ކުރަމުން ދާއިރު، އެކަން ހުއްޓުވަން މަސައްކަތް ކުރާކަމަށް ބުނި ނަމަވެސް އެކަންކަމަށް އަދި މިހާތަނަށް ބަދަލެއް އައިސްފައިވާތަން ފެންނަން ނެތުމަކީ، ކަމުގައި ހުރި ބިރުވެރިކަން ހާމަވެގެންދާ ކަމެކެވެ. 

އަބަދުވެސް ދެކެވެމުންދާ އެއްވާހަކައަކީ، ކުށްވެރިޔާ އެއްދޮރުން ވެއްދުމަށްފަހު އަނެއް ދޮރުން ނެރޭ ވާހަކަ އެވެ. ކުށްވެރިޔާގެ ފަރާތުން ގެއްލުންލިބޭ މީހާއަށްވުރެ ބޮޑަށް ކުށްވެރިޔާގެ ހައްގުތަށް މަތި ވާހަކަ އެވެ. ކޮމިޝަނުތަކުން އާއްމު މީހާގެ ހައްގުތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ކުށްވެރިންގެ ހައްގުތަކުގެ ވާހަކައިން ސަލާމަތް ނުވެގެން އުޅޭ ވާހަކަތަކީ، ކޮންމެ ވެރިކަމެއްގައިވެސް ރައްޔިތުން ދައްކަމުން އަންނަ އެންމެ ބޮޑު އެއް ވާހަކަ އެވެ. 

މިއަދު މާލޭގެ މަގުތައް މަތިން ފެންނަމުންދާ މަންޒަރުތަކުން މިކަމަށް ހެކިދޭކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ރޯމާ ދުވާލު ފާޅުގައި ކަންކަންމަތީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާއިރު، އިދާރާތަކަށް ގުޅާ ގުޅާ ކަރުން ލޭރަހަ ލާއިރުވެސް އެ އިދާރާތަކަށް ވާކަމެއް "ހަމަ ހަރާމޭ" ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. 

އެކަން ކުރާކަން އެނގޭ ކަމަށާއި، އެކަން ބަލައިދޭނެ ކަމަށް ބުނުން ފިިޔަވާ އިދާރާތަކުން ކުރި ކަމެއް ފެންނާކަށް ނެތެވެ. މިހެން ބުނަން މިޖެހެނީ މާލެ އަކީ ވެރިކަން ކުރާ ރަށަށްވެ، މި ރަށުގެ އެކި ތަންތަނުގައި 24 ގަޑިއިރު އޮޕަރޭޓް ކުރާ ކެމެރާތައް ހަރުކުރެވިފައި ހުރިނަމަވެސް، ކުށްވެރިން ކުށްކޮށްލައިގެން ދާއިރު އެ ކެމެރާތަކަށް އެ މަންޒަރު ނާރާތީ އެވެ. ފަހަރުގައި މާލޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުން ހަރުކޮށްފައި ހުރި ކެމެރާތަކަކީ، ހަމައެކަނި ރަމްޒީ އެއްޗެއްގެ ގޮތުގައި ވެއްޖެނަމަ އެއަކަށް އެކައްޗެއްވެސް ނާރާނެ އެވެ. 

ހަމަ ޔަގީނުންވެސް ޖަންބުމަގު، ނަސީމީ މަގު ކައްމައްޗާއި ދިމާ ވާގޮތަށް ފުލުހުން ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުންނަތާ މިހާރު ފަސް އަހަރަށްވުރެ ގިނަ ދުވަސްވެދާނެ އެވެ. އެ ހެދިފައި ހުރިނަމަ އެ ކަންމަތީގައި ހިންގަމުން އަންނަ ބޮޑެތި ކުށްތައް ފުލުހުންނަށް ފެނުނީހެވެ. 

ކުށްވެރިންގެ ވާހަކަ އާއި އިދާރާތަކުގެ އިހުމާލުގެ ވާހަކަ ދައްކަމުން ދާއިރު، މިއަދު އަޑުއިވިގެން ދިޔަ އެއް އަޑަކީ، ދަންވަރު ވަގަށް ނެގި ސައިކަލު މެންދުރުވުމުގެ ކުރިން ވަގަށް ނެގު ތަނަށް އަނބުރާ ގެނެސްފައި ހުރި ވާހަކަ އެވެ. އެހެން ނަމަވެސް އެ ސައިކަލު ވަގަށްނެގި ބަޔަކު ވަނީ، އެ ސައިކަލު ބޭނުން ކޮށްގެން ހުޅުމާލޭގައި ފޭރުމުގެ ބޮޑު ކުށެއް ކޮށްފަ އެވެ. ފޭރެން ދާއިރު އަމިއްލަ މީހާގެ ސައިކަލުގައި ދިއުމުގެ ބަދަލުގައި ވަގަށް ސައިކަލެއް ނަގައިގެން ދިއުމުން ސައިކަލުގެ ވެރިމީހާ ހޯދާއިރު، ކަމާއި ނުވެސް ބެހޭ މީހެއްގެ މައްޗަށް ދައުވާ ކުރަން ޖެހިދާނެ އެވެ. އަދި މިކަންކަން އެބަޔަކު ކުރަނީ މީހަކު "ފްރޭމް" ކުރުމުގެ ބޭނުމުގައި ކަމަށްވަނީނަމަ ހަތަރު އުދަރަސް ފެނުޖެހުނީ އެވެެ. 

"ސައިކަލު ވަގަށް ނެގުމަށްފަހު ހުޅުމާލެއަށް ގޮސް ފޭރުމުގެ އަމަލެއް ހިންގުމަށްފަހު، ސައިކަލު ހުރިތަނުގައި ސައިކަލު ވަނީ ބަހައްޓާފަ. ފޭރުމުގެ އަމަލުގައި އުޅުނު އިރު ދެ މީހަކު ސައިކަލުގައި އުޅުނު އިރު، ގަމީހުގެ ކުލަ އާއްމުކޮށް އަޅުގަނޑުލާ ގަމީސްތަކުގެ ކުލައާއި ވަރަށް ގުޅޭ. އެއްވެސް ކެމެރާއަކަށް މޫނު ނުފެންނާނެހެން ކޮށްފައިވާ މި ފޭރުމުގެ ސަބަބުން ސައިކަލު ވަގަށް ނެގިކަން ނޭނގުންނަމަ މިއީ ވަރަށް ބޮޑުކަމަކަށް ވީސް ކަންނޭނގެ. މިއީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެއް. ގަސްތުގައި ބޮލުގައި ބަދުނާމު އަޅުވަންވެސް ކޮށްފާނެ ކަމެއް. މިކަމަށް ރައްކާތެރިވުމަށް އެކުވެރިންނަށް އިލްތިމާސްކުރަން." މީހަކު ޓުވިޓާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.

މިއީ މިފަދަ އެންމެ ހާދިސާ އެކެވެ. މިހެން އެތައް ހާދިސާތަކެއް ހިނގަމުން އަންނަ އިރު އަސްލު ކުށްވެރިޔާ ހޯދުމަށް ފުލުހުން ހަރަކާތްތައް ނުހިންގައޭ ބުނުމަކީ، މުޅިން ތެދަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އެކަށީގެންވާ ވަރަށް ކަންކަން ބެލެހެއްޓޭނަމަ މީހަކަށް ދެރައެއް ދިނުމުގެ ކުރިން ފުލުހުންނަށް ހަގީގަތް ހޯދިދާނެ އެވެ. 

މާލޭގެ އެކި މަގުތަކުން މީހަކު ދުއްވާފައި ގޮސް ވަދެ އިން ޕާކާއި، ވަދެ އިން މިސްކިތް ހޯދުނު ގޮތަށް، މާލޭގެ މަގުތައް މަތީ ހިންގާ މާރާމާރީތަކުގައި ޝާމިލްވާ މީހުން ނުހޯދެންވީ ސަބަބެއް ނެތެވެ. 

މަގުތައްމަތީ ސައިކަލު ޕާކުކޮށް ގެއަށްވަދެ ނިދާތެދުވެ ބަލާއިރު، ސައިކަލު ވަގަށް ނަގާ މައްސަލަތައް އިންތިހާއަށް އިތުރުވެފައި ވާއިރު، ކެމެރާތަކެއް ހުރެ އޭގެ ބޭނުމެއް ނުކުރާނަމަ އެ ކެމެރާތައް ހަރުކޮށްފައި ހުރުމުގެ ބޭނުމެއް ނެތެވެ. އެ ކެމެރާތައް ހަރުކޮށްފައި ހުންނަ ދަނޑިއަކީ، ހަމައެކަނި ކެމްޕެއިން ބެނާ ދަމަން ތަނބަކަށް ވެފައިވާ މަންޒަރު މިއަދު އެތައް މަގަކުން ވަނީ ފެނިފަ އެވެ. 

ކޮންމެ ކަމެއްވެސް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން އެކަށީގެންވާ ގޮތުގެ މަތިން ކުރަމުން އަންނަ ނަމަ ގައުމުގައި ހިނގަމުން އަންނަ މިފަދަ ކުށްތައް މަދުކުރެވޭނެ އެވެ. މާލެގައި ހިންގަމުން އަންނަ މާރާމާރީތައް ހުއްޓުވަން ފުލުހުންނާއި ސިފައިން އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު، މާރާމާރީތައް މަދުވި މަންޒަރެއް ނުފެނެ އެވެ. ފަހަރުގައި މިކަންކަން ކުރަމުންދަނީ، އެ އޮޕަރޭޝަން މެދުކަނޑާލާ ވަގުތުކޮޅުގައި ކަމަށްވެސް ވެދާނެ އެވެ. 

މިއަދު ކުށްވެރިން ކުށްކުރަމުން އަންނަ އިރު، ގައުމުގެ މުސްތަގުބަލު ހަލާކުވެގެން ދާ މަންޒަރު ފެނި އެތައް ބަޔަކު ހިތާމަ ކުރެ އެވެ. އެތައް ބަޔަކު ލޮލުން ކަރުނަ ހިލުވައިލައިގެން ތިބެ އެދެމުން ދަނީ، މިކަންކަން އިދާރާތަކުން ހައްލު ކޮށްދިނުމަށެވެ. ސިޔާސީ ކަންކަމުން ދުރުވެ ގައުމުގެ މުސްތަގުބަލު އުޖާލާކޮށްދިނުމަށް އިދާރާތަކުން އެކަތިގަނޑަކަށް ވުމަށެވެ. 

އެހެން ނޫންނަމަ ގައުމެއް ނޯންނާނެ އެވެ.!

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް