ads
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފަސްޓު ލޭޑީ ވާހަކަފުޅު ދައްކަވަނީ---ފޮޓޯ:ރައީސް އޮފީސް
މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރަން ފަސްޓްލޭޑީ ފަޒްނާ ގޮވާލައްވައިފި
މުޖުތަމައުގެ ހެވާއި ލާބައަށް ކުރާ ކޮންމެ ކަމަކީ، ކޮންމެ ފަރުދަކަށްވެސް އެކަމުން މަންފާ ކުރާނޭ ކަމެއްކަން ގަބޫލުކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވައިލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވައިލައްވާފައިވަނީ، "ފުރާތަ" ގެ ނަމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން އިސްނަގައިގެން މުޖުތަމައަށް އަނބުރާ ދިނުމަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދަވާ ސިލްސިލާ ހަރަކާތް އިފްތިތާހު ކޮށްދެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓު ލޭޑީ ވިދާޅުވީ، ފަރުދީ ހެވާއި ލާބާއި މަންފާއަކީ މުޅި މުޖުތަމައުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ބަރޯސާވެފައިވާ ކަންކަން ކަމަށެވެ. 

އެހެންކަމުން، މިކަން އިހްސާސްވުމާއިއެކު ކޮންމެ ފަރުދަކަށްވެސް އިހްތިޔާރު ކުރެވޭނީ މުޖުތަމަޢުގެ ލާބައާއި މަންފާ އިސްކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާން ކަމަށެވެ.

ދަތިކަމަކަށްވިޔަސް އަމިއްލަ ބޭނުންތައް އެކަނި ފުއްދާލައިގެން ފަރުޖެހެން ނެތްކަން ކޮންމެ ފަރުދަކުވެސް ގަބޫލުކުރުމަށް ގޮވައިލައްވާ އެކަމަނާ ވިދާޅުވީ، ތިމާއަށް ލިބޭ ކޮންމެ މޮޅަކާއި ލާބައެއް މުޖުތަމައުގެ އެހެން މީހުންނާއި، ހާއްސަކޮށް ނިކަމެތިންނާއި ހިއްސާކުރުމަށް އެދިވަޑައިގަންނަވާފައެވެ. 

އެކަން އެގޮތަށް ނުކުރާނަމަ، މުޖުތަމައު ނިކަމެތިވެ ބަލިކަށިވެދާނެ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކޮންމެ ފަރުދަކަށްވެސް މިކަމުގެ އަސަރުތަކާއި ކުރިމަތިލާން ޖެހިދާނެކަން ޤަބޫލުކުރާން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، މައުނަވީ ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނަމަ، ކޮންމެ މީހަކުވެސް އެހެން މީހުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެހީތެރިވާން ޖެހޭނެކަމަށެވެ.

ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވީ، އިންސާނެއްގެ ދިރިއުޅުމުގެ އަގަކީ އެ ދިރިއުޅުމުގެ ތެރޭގައި އިހްސާންތެރިކަމާއެކު ބަދަލުކުރެވޭ އެހީގެ ސަބަބުން އެހެން އިންސާނުންގެ ހިތްތަކުގައި ބިންވަޅު ނަގުވާއިދޭ ޝުޢޫރުގެ މިންވަރުކަމުގައި ވާތީކަމަށެވެ. 

ހަމައެހެންމެ ދިރިއުޅުމުގައި އުފާވެރިކަން ހާސިލުކުރަން ބޭނުންނަމަ އެހެން މީހުންގެ އުފާވެރިކަމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ.

ހަމައެއާއިއެކު، އެހެން މީހުންނަށް ޒިންމާދާރުކަމާއި އިހްސާންތެރިކަމާއި އޯގާތެރިކަމާއިއެކު އަޅައިލުން ފޯރުކޮށްދޭ ކޮންމެ ހިނދެއްގައި އެ ފޯރުކޮށްދެވެނީ މުޖުތަމައަށް އަނބުރާ ރައްދުކުރެވޭ އަގެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ކުޑަކުދިންނަށް އެބައެއްގެ މައްޗަށް ބަރޯސާވާ މީހުންގެ ފަރާތުން އެހީތެރިކަމާއި އަޅައިލުމާއި ދީލަތިކަން ފެނި ތަޖުރިބާކުރެވޭނަމަ އެކުދީންގެ ކިބައިން އެދީލަތިކަން ފެނުމަކީ ގާތްކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދުނިޔޭގައި ހޭދަކުރާ ވަގުތުގެ ބޭނުމަކީ އަޅުގަނޑުމެނާއެކު އަނބުރާ ނުގެންދެވޭނޭ ތަކެތި އެއްކޮށް ފޮރުވައިގެން އުޅުމެއްނޫން. އޭގެ ބޭނުމަކީ މިދުނިޔެއަށް އުފަންވިހިނދު މިދުނިޔެ އޮތް މިންވަރަށްވުރެ ހިތްހެޔޮ، އިހްސާންތެރި، ރަނގަޅު މިންވަރަކަށް މިސްރާބުހިފައި އެމަންޒިލުގެމަތީ ދޫކޮށްދިއުން. މިއީ އެހެން އިތުރު މީހެއްގެ ޒިންމާއެއްނޫން. މިއީ އެންމެންގެ ޒިންމާއެއް،" އެކަމަނާ އިތުރަށް ވިދާޅުވިއެވެ.

"ފުރާތަ" އަކީ އެމް.އެން.ޔޫ.ގެ ކެމްޕަސްތަކާއި ދަރިވަރުން މެދުވެރިކޮށް މުޅި މުޖުތަމައަށް، އަދި ވަކީން ހާއްސަކޮށް އަޅައިލުން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ދުރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމުގެ މަގްސަދުގައި ދަރުމައަށް ހިދުމަތްކުރުމަށް ބާރުއަޅާ ހަރަކާތެކެވެ. 

މި ޕްރޮގްރާމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި، ބިދޭސީންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދީންނާއި، ޓެކްސީ ޑްރައިވަރުންނާއި، ދަނޑުވެރިންނާއި، މަސްވެރިންގެ އިތުރުން އެހެނިހެން ފަރާތްތަކަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

ފަހުރުވެރި ދިވެހި ޢާއިލާއެއް ބިނާކުރުމުގައި ރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި އާންމު މަސްލަހަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާއީ ވެށްޓެއް ގާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް