ޑރ. އިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަން ދެން ޕީޕީއެމް އަށް ލިބޭނީ، މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމެރީ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކޮށްފިނަމަ ކަމަށެވެ. އަދި އެކަމަށް ޕީޕީއެމްގެ ތެރެއިންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އިޔާޒް ވަނީ ވިދާޅުވެފަ އެވެ.
އަދި ދިވެހި އުއްމަތަށް ހަމަޖެހުމެއް އޮތީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ ކިބައިން ސަލާމަތްވެގެން ކަމަށްވެސް އިޔާޒް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ފާޅުގައި އިޔާޒް ފާޑުކިޔަމުން ގެންދާއިރު، ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އިޔާޒްގެ ސަޕޯޓަރުންގެ ދެމެދު ދޭތެރެދޭތެރެއިން ބަހުގެ ހަމަލާތައް ރައްދުކުރަމުން ދާކަން ފާހަގަ ކޮށްލެވެ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ލާއިންސާނީ އަމަލުތަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން އިޔާޒް ރައީސް ޔާމީން އަށް ފާޑުވިދާޅުވަމުން ދާއިރު، ޕީޕީއެމްގެ ގިނަ ބަޔަކު އަންނަނީ އިޔާޒް އަށް ރަށްދު ދެމުންނެވެ.
ޕީޕީއެމް އަށް ވެރިކަން ލިބޭނީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީ ރައީސް ނަޝީދު ކާމިޔާބު ކޮށްގެން ކަމަށް އިޔާޒް ވިދާޅުވެފައި ވާއިރު، ރައީސް ނަޝީދު ވަނީ، މީގެ ކުރިން ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބައެއް ވާހަކަފުޅުތައް ދައްކަވާފަ އެވެ.
އެމްޑީޕީގެ ޕްރައިމެރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު، އެމްޑީޕީގެ އިތުރުން މުޅި ރާއްޖެއަށް ފައިދާ ވާނީ، ރައީސް ސޯލިހު ވެރިކަމުގައި ހުރެގެން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.