'ތާނަވާ' ކާނިވަލަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދަބީ ކާނިވަލެވެ. ތާނަވާ 2023 އަކީ ދިވެހި އަދަބިއްޔާތު ކުރިއަރުވާ، އަދަބީ މަސައްކަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް، އެ ފަރާތްތަކުން ކުރާ މަސައްކަތްތައް އިޝްތިހާރުކޮށް، ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ބީސީސީން ބުނެއެވެ.
މި ކާނިވަލް ބޭއްވުމަށް ބީސީސީން ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން 21 ވަނަ ދުވަހަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރު ސާމިހު އާދަމް ވިދާޅުވެފައިވަނީ ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ބީސީސީން ބޭނުންވާ ކަމަށެވެ. އަދަބީ ކާނިވަލަކީ އިކޮނޮމިކް މިނިސްޓަރުގެ ހާއްސަ އިސްނެންގެވުމަކާ އެކު ކުރިއަށް ގެންދާ ވަރަށް ތަފާތު ހަރަކާތެއް ކަމަށް ސާމިހު ވިދާޅުވިއެވެ.
ސާމިހު ވިދާޅުވި ގޮތުގައި ތާނަވާ ކާނިވަލް ބޭއްވުމުގެ ބޭނުމަކީ ސަގާފަތާއި އަދަބިއްޔާތު ދިރުވާ އާލާކުރުމާ އެކު އަދަބީ ކަންކަމުގައި ހަރަކާތްތެެރިވާ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައެވެ.
ބީސީސީން ބުނެފައިވަނީ މި ކާނިވަލުގައި ދިވެހި ލިޔުންތެރިންގެ އެކިއެކި އުފެއްދުންތައް ގަންނަން ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ކާނިވަލުގެ ތެރެއިން އަދަބިއްޔާތާ ގުޅުންހުރި ތަފާތު އެކި މައުލޫތަކަށް ހާއްސަކުރެވިގެން ބާއްވާ ޕެނަލް ޑިސްކަޝަންތަކާއި ބަހުސްކުރުމާއި ޅެމާއި ބައިތުބާޒީ މުބާރާތްތަކާއި ދިވެހި އަތުލިޔުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ބީސީސީން ބުނި ގޮތުގައި 'ތާނަވާ' ކާނިވަލަކީ ދިވެހި ބަހުގެ އެކެޑަމީ އާއި ބަހާއި އަދަބިއްޔާތަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުގެ ބައިވެރިވުމާ އެކުގައި ބާއްވާ ކާނިވަލެއް ކަމުގައެވެ.
މި ކާނިވަލުގެ ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ކާނިވަލުގައި ބައިވެރިވުމުގެ ފުރުސަތު ބީސީސީން ވަނީ ހުޅުވާލާފައެވެ.