ads
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން----
ރައީސް ސޯލިހް، ރައީސް ނަޝީދަށް: ވާދަވެރިކަން މި ނިމުނީ، ހިތަކު ނުރުހުމެއް ނެތް!
ނަޝީދު ހުންނެވި ގޮތެއް އަދި ސާފެއް ނުވޭ
ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. 61 އިންސައްތައިގެ ކުރިއެރުމަކާއިއެކު، ޓިކެޓު ހޯއްދެވުމަށްފަހު، ކާމިޔާބީ ފާޅުކުރުމަށް ރޭ ބޭއްވި ހާއްސަ ހަރާކާތުގައި ވެސް ރައީސް ސޯލިހް ތަކުރާރު ކުރެއްވީ އެއް އެދުމެކެވެ. އެއީ މުޅި އެމްޑީޕީ އެކީގައި ކުރިއަށް ދިއުމަށެވެ.
Advertisement

އެ ހަރާކާތުގައި ވާހަކަދައްކަވަމުން، ވާދަވެރިންނަށް މުހާތަބު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ވާދަވެރިކަން ނިމިއްޖެ ކަމަށާއި، ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ނިކުތުމަށް އެދޭ ކަމަށެވެ. 

"އަޅުގަނޑު ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ، މިހާރު އަޅުގަނޑުމެންގެ ވާދަވެރިިކަން މި ނިމުނީ އޭ. އެކަން މި ނިމުނީ. ދެން ނިކުންނަންވީ އަނެއްކާވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް،" ރައީސް ވިދާޅުވިި އެވެ.

ރައީސް ވިދާޅުވީ، ވާދަވެރި އިންތިހާބެއްގައި ހިތްހަމަނުޖެހުންތަކާއި، ހަމަނުޖެހުންތަކެއް ހުންނާނެ ކަމަށާއި، ކޮންމެހެން ފެންނަން ބޭނުންނުވާ ކަންތައްތައްވެސް ފެނިފައި ހުރެދާނެ ކަމަށެވެ. އެކަމަކު "އަޅުގަނޑުމެންގެ ހިތަކު އެއިން އެއްވެސް ކަމެއް ނެތް" ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ގޮވާލެއްވީ މުޅި އެމްޑީޕީ ނިކުމެ، އެމްޑީޕީ ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށެވެ. 

ރައީސް ވިދާޅުވީ، ޕްރައިމަރީގެ ކެމްޕެއިންތަކުގައި ދެވުނު ހުރިހާ ރަށަކުންވެސް ޔަގީންވީ ކަމަކީ ރިޔާސީ އިންތިހާބު އަދި މާ ފަސޭހަވާނެކަން ކަމަށެވެ. އެކުގައި އުޅުނު އެކުވެރީންވެސް ޕްރައިމަރީގައި ވާދަކުރައްވާތީ، ކުޑަކޮށް މަޑުޖެހިލަން ޖެހުނުނަމަވެސް، އެ މަޑުޖެހުން ރިޔާސީ އިންތިހާބުގައި ދެން ނޯންނާނެތީ އެއީ ކާމިޔާބީ ހޯދުމަށް ވާނެ ފަސޭހައެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

"އެތެރޭގައި މި ހިނގި ވާދަވެރި މަސައްކަތަކަށްވާތީ އަޅުގަނޑުމެންނަށް ބައެއް ފަހަރު މަޑުޖައްސާލަން ޖެހުނު. އެއީ އެކުވެރިން އެކީގައި އުޅެފައި އެއްވިސްނުމެއްގައި ތިިބި ބަޔަކަށްވާތީ. އެހެންނަމަވެސް ދެން އޮތް މަރުހަލާގައި އަޅުގަނޑުމެންނަށް މާ ފަސޭހަވާނެ. އެއީ ޔަގީންކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއަކީ އަބަދުވެސް އެއްވިސްނުމެއްގައި ކުރިއަށްދާ ޕާޓީއެއްކަން ފާހަަގަކުރައްވާ ރައީސް ވިދާޅުވީ، ނިިމިދިޔަ ޕްރައިމަރީގައި ދެފަޅިއެއްގައި ތިބި ނަމަވެސް އެ ދެފަޅީގައިވެސް އޮންނާނީ އެއް ވިސްނުމެއް ކަމަށެވެ. އެއީ ރާއްޖެއަށް ސުލަހެވެރިކަމާއި ހަމަޖެހުން ގެނެސްދިނުމާއި، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމާއި، އަސާސީ ހައްގުތައް ހޯދައިދިނުމުގެ ވިސްނުން ކަމަށެވެ. 

އެހެންކަމުން ރައީސް އެދިވަޑައިގަތީ އެއް ރޫހެއްގައި ނިކުމެ މިއަދުން ފެށިގެން އަނެއްކާވެސް، "އިދިކޮޅު ޕާޓީ" ބަލިކުރުމަށް އަމާޒު ހިފުމަށެވެ.

"އެމްޑީޕީގެ ހަރަކާތް ކުޑަދުވަސްކޮޅަކަށް މެދުކެނޑިގެންދިޔައީ އަޅުގަނޑުމެންގެ އެތެރޭގައި އޭރު އޮންނަންވީ އެކުވެރި ގުޅުން ނެތުމުގެ ސަބަބުން. ސަރުކާރަށްވެސް ދާންވީ ސްޕީޑުގައި ދިއުމަށް ދަތިތަކެއް ކުރިމަތިވި. އެހެންނަމަވެސް އެކަން ހަނދާން ނައްތާލާފައި އަޅުގަނޑުމެން އަނެއްކާވެސް ކުރިއަށް ދާން ވިސްނަންވީ، އަޅުގަނޑު މިހުރީ ތިހުރިހާ ބޭފުޅުންނާއިއެކު އެކީގައި ކުރިއަށްދާން ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

ނަޝީދު ހުންނެވި ގޮތެއް އަދި ސާފެއް ނުވޭ

މި ޕްރައިމަރީގައި ވާދަކުރައްވަން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިސްނަވާ އެކަން އިއުލާން ކުރެއްވީންސުރެ ރައީސް ނަޝީދުގެ ވިސްނުން ރައީސް ސޯލިހްގެ މި ވިސްނުމާއި ވަރަށް ތަފާތެވެ. 

ރައީސް ނަޝީދު ވިދާޅުވާގޮތުން އެމްޑީޕީ ޓިކެޓުގައި 2023ގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުންނަންޖެހުނީ، އެމަނިކުފާނުވެސް ހިމެނޭހެން ބުރަ މަސައްކަތުން ގެނައި އެމްޑީޕީ ސަރުކާރަށް އެމްޑީޕީގެ ވައުދުތައް ނުފުއްދި މެނިފެސްޓޯވެސް ތަންފީޒު ނުކުރެވޭތީ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީގެ މަގުބޫލުކަން ކުޑަވަމުންދާތީ ކަމަށެވެ. ޝަކުވާތައް ބޮޑުވުމުން ކަމަށެވެ. ކުރުގޮތަކަށް ބުނާނަމަ ރައީސް ސޯލިހްގެ ވެރިކަމާއިމެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ. 

ޕްރައިމަރީން ބަލިވެއްޖެނަމަ އެކީގައި ކުރިއަށް ދާނެތޯ ނޫސްވެރިން ތަކުރާރުކޮށް ކެމްޕެއިންތެރޭ ކުރެއްވި ސުވާލަށްވެސް ރައީސް ނަޝީދު ސާފު ޖަވާބެއް ނުދެއްވި އެވެ. ތަކުރާރު ކުރެއްވީީ އެއް ވާހަކައެކެވެ. އެފަދަ ހާލަތެއް ނާންނާނެ ކަމަށެވެ. ރައީސް ސޯލިހްގެ ފަހަތުގައި ދެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ހާލަތެއް ނާންނާނެ ކަމަށެވެ. އެކަން އެގޮތަށް ދެން ކުރެވެންވެސް ނެތް ކަމަށެވެ. 

ޕާޓީގެ ދަފްތަރުން ވަކިކުރި 39000 މީހުން ކައިރިއަށް، "ރައީސް ސޯލިހަށް ވޯޓު ދެއްވާށޭ" ބުނެ ދާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ރައީސް ސޯލިހަށް ވޯޓެއްދޭށޭ ކިޔާފައި ނައުމަށް ރައްޔިތުންވެސް އެމަނިކުފާނުގެ އަރިހުގައި އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީން ނާކާމިޔާބު ވުމާއިއެކުވެސް ރައީސް ނަޝީދު އަދި މިހާތަނަށް ބަލި ގަބޫލުކުރައްވާފައެއް ނުވެއެވެ. ވިދާޅުވީ، ރައީސް ސޯލިހަށް ކާމިޔާބުވީ އޮޅުވާލެއްވުމުން ކަމަށެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް